ބޭރު ކުޅިވަރު

ބްރެޒިލް ވޯލްޑް ކަޕަށް، ޓީޓޭ ތަފާތު ދައްކައިފި

Mar 29, 2017
1

ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ހެނދުނު ޕެރަގުއޭ އަތުން 3-0 އިން މޮޅުވެ، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޖާގައެއް ބްރެޒިލް އިން ހޯދައިފި އެވެ. ބްރެޒިލް އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ގައުމެވެ.

ބްރެޒިލްގެ ސައޮ ޕޯލޯގައި ކުޅުނު މެޗުގެ 34 ވަނަ މިނިޓުގައި ބްރެޒިލް އަށް ލީޑު ހޯދައިދިނީ މިޑްފީލްޑަރު ފިލިޕް ކުޓީނިއޯ އެވެ. އަދި ދެވަނަ ހާފުގައި ބްރެޒިލްގެ ނޭމާ އާއި މާސެލޯ ވަނީ އިތުރު ދެ ލަނޑު ޖަހައި، ތަފާތު ބޮޑުކޮށްފަ އެވެ.

ބްރެޒިލް މޮޅުވެ، ކޮލިފައިންގައި އުުރުގުއޭ އާއި އާޖެންޓީނާ ކުޅުނު މެޗުތަކުން އެ ދެ ޓީމު ބަލިވުމުން، ބްރެޒިލް އަށް ވަނީ ދެކުނު އެމެރިކާގެ ކޮލިފައިން ބުރުގެ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުވެފަ އެވެ.

ދެކުނު އެމެރިކާގެ ކޮލިފައިން ތާވަލްގެ އެއްވަނައިގައި ބްރެޒިލް އޮތީ 14 މެޗުން ލިބުނު 33 ޕޮއިންޓާއެކު އެވެ. ކޮލަމްބިއާ ދެވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތީ އުރުގުއޭ އެވެ. ހަތަރު ވަނައިގައި ޗިލީ އޮތްއިރު، އާޖެންޓީނާ އޮތީ ފަސް ވަނައިގަ އެވެ.

މިއީ ކޯޗު ޓީޓޭގެ އިރުޝާދުގެ ދަށުން ބްރެޒިލް ޖެހިޖެހިގެން މޮޅުވި އަށް ވަނަ މެޗެވެ. ޓީޓޭ ބްރެޒިލްގެ ޓީމާ ހަވާލުވިއިރު، ބްރެޒިލްގެ ޓީމުގެ ނަތީޖާތައް އޮތީ ދަށްވެފަ އެވެ. އޭރު ބްރެޒިލް އަށް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ބިރު އޮތެވެ.

އެކަމަކު ޓީޓޭގެ އިރުޝާދުގެ ދަށުން، ބްރެޒިލްގެ ޓީމު ތަފާތުވި އެވެ. ބްރެޒިލް އިން އުންމީދުކުރާ ނަތީޖާތައް ނެރެން ފެށި އެވެ. ޓީޓީގެ އިރުޝާދުގެ ދަށުން ޖެހިޖެހިގެން އަށް މެޗުން ބްރެޒިލް މޮޅުވިއިރު، އެ ޓީމުން ވަނީ 24 ލަނޑު ޖަހައިފަ އެވެ. އެ މެޗުތަކުގައި ބްރެޒިލް ކޮޅަށް ވަދެފައިވަނީ އެންމެ ދެ ލަނޑެވެ.

ބްރެޒިލް އަކީ މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ވާދަކޮށްފައިވާ ހަމައެކަނި ގައުމެވެ.