ބޭރު ކުޅިވަރު

މެސީ ސަސްޕެންޝަނަށް ބާސާ ފާޑުކިޔައިފި

Mar 29, 2017
1

އާޖެންޓީނާގެ ގައުމީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އިންޓަނޭޝަނަލް ހަތަރު މެޗަށް ސަސްޕެންޑް ކުރަން ފީފާ އިން ނިންމުމާ ގުޅިގެން، މެސީ ކުޅޭ ކްލަބު ކަމަށްވާ ބާސެލޯނާ އިން ފާޑުކިޔައިފި އެވެ.

މެސީ ގައުމީ ޓީމުގެ ހަތަރު މެޗަށް ސަސްޕެންޑް ކުރީ ވޯލްޑް ކަޕް ކޮލިފައިންގައި ޗިލީ އަތުން 1-0 އިން ބުރާސްފަތި ދުވަހު ޗިލީ މޮޅުވި މެޗުގައި އެސިސްޓަންޓް ރެފްރީއާ ދިމާލަށް ބޭ އަދަބީ ބަހުން މުހާތަބު ކުރުމުންނެވެ. މި ސަސްޕެންޝަންގެ ސަބަބުން ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ބޮލީވިއާ އަތުން 2-0 އިން އާޖެންޓީނާ ބަލިވި މެޗުގައި މެސީ އަށް ނުކުޅެވުނެވެ.

މެސީގެ ސަސްޕެންޝަނާ ގުޅިގެން ބާސާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެސީ ސަސްޕެންޑް ކޮށްފައިވަނީ އިންސާފުން ނޫން ކަމަށާއި މެސީ އަށް ދީފައިވާ އަދަބު މާބޮޑު ކަމަށެވެ.

"މި ކްލަބުން ގަބޫލްކުރާ ގޮތުގައި މެސީގެ ސަސްޕެންޝަނަކީ ބޭ އިންސާފު އަދި މާ ބޮޑު އަދަބެއްގެ ގޮތުގައި. ބާސާ އޮތީ މެސީގެ ފަހަތުގައި. މެސީ އަކީ ދަނޑު މަތީގައި އަދި ދަނޑު ބޭރުން ވެސް ވަރަށް އަހުލާގު ރަނގަޅު ކުޅުންތެރިޔެއް،" ބާސާ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މެސީ ސަސްޕެންޑް ކުރީ ބޮލީވިއާއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ. މި މެޗުން ބަލިވުމުން، އާޖެންޓީނާ ވަނީ ކޮލިފައިން ތާވަލްގެ ފަސް ވަނަ އަށް ވެއްޓިފަ އެވެ.

އާޖެންޓީނާ އަށް ކޮލިފައިންގައި ކުރިއަށް އޮތް ތިން މެޗުގައި މެސީ އަށް ނުކުޅެވޭނެ އެވެ. މި ސަސްޕެންޝަން ކްލަބު ލެވެލްގައި ނުގުނާތީ، މެސީ އަށް ބާސާގެ މެޗުތަކުގައި ކުޅެވޭނެ އެވެ.