ހަބަރު

އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީންތައް ނިންމައިފި

ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭނެ މުދައްރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމް މިއަދު ނިންމާލައިފި އެވެ.

ސިންގަޕޫރުގެ "އިރުޝާދް ޓްރަސްޓް ފައުންޑޭޝަން" އާއި ގުޅިގެން ހަތަރު ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމަކީ، "ކޮންމެ ސްކޫލެއްގައި ވެސް މާއްދާއެއްގެ ގޮތުގައި އަރަބި ބަސް ކިޔަވާދޭނަން" މި ސިޔާސަތުގެ ދަށުން، ސަރުކާރު ސްކޫލްތަކުގައި އަރަބި ބަސް ކިޔަވާދިނުމާ ގުޅޭގޮތުން، އަރަބި ބަސް ކިޔަވާދޭ މުދައްރިސުން ތަމްރީނު ކުރުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި މާލެއާއި އަތޮޅުތެރޭގެ ސުކޫލުތަކުން އަރަބި އަދި އިސްލާމް ކިޔަވައިދޭ 64 މުދައްރިސުން ބައިވެރިވެ ތަމްރީނު ފުރިހަމަ ކޮށްފައި ވެއެވެ. މި ތަމްރީނު ޕްރޮގްރާމް އަރަބި ބަހުން ކުރިޔަށް ގެންދިޔައިރު، ކިޔަވައި ދެއްވީ އިރުޝާދު ޓްރަސްޓް ފައުންޑޭޝަންގެ ޓްރެއިނަރުންނެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ، ވާހަކަފުޅު ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، މި ތަމްރީނު ޕްރޮގްރާމުގެ އަމާޒަކީ، މަދުރަސާތަކުގައި ދަރިވަރުން ޝައުގުވެރިވާނެ ވަސިލަތްތަކާއެކު، އަރަބި ބަސް އުނގަންނައިދިނުމަށް މުދައްރިސުން އަހުލުވެރިކުރުން ކަމަށެވެ.