ހަބަރު

ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް 30،000 ފުލޫ ވެކްސިން ދެނީ

ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ އެޗް1އެން1 ރޯގާއާއި ގުޅިގެން ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން 30000 އިންފްލުއެންޒާ ވެކްސިން ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

ޑަބްލިޔުއެޗްއޯގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު މިއަދު ނެރުން ބަޔާނެއްގައި ބުނެފައި ވަނީ އެޗް1އެން1 ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ ހެލްތު މިނިސްޓްރީއާ ގުޅިގެން ރާއްޖޭގެ ހާލަތު ކައިރިން ބަލަމުންދާ ކަމަށާއި އެކި ދާއިރާތަކުން އެހީތައް ފޯރުކޮށްދެމުން ދާ ކަމަށެވެ. އެގޮތުން އެޗް1އެން1 އަށް ޓެސްޓު ކުރާ ވަސީލަތްތަކާއި، ބަލީގެ ނުރައްކާ ބޮޑުވެފައިވާ މިހުންނަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ އިތުރުން 30،000 ވެކްސިން ފޯރުކޮށްދިނުމަށް ވެސް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ސަފީރު ވިދާޅުވެއްފައި ވެއެވެ.

"..މިހާރު ފޯރުކޮށްދޭން ހަމަޖެހިފައިވާ 30،000 ވެކްސިންގެ ތެރެއިން 1500 ވެކްސިން ހިމެނޭ ފުރަތަމަ ބެޗް މި ހަފްތާ ފަހުކޮޅު އަންނާނެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ހެލްތު މިނިސްޓްރީގެ މަސައްކަތުން މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި ރާއްޖޭގައި ސްވައިން ފްލޫ ފެތުރެމުންދާ މިންވަރު މަދުވި ނަމަވެސް އެ ބަލި ފެތުރުނަ ނުދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް އަދިވެސް ކުރަން ޖެހޭ ކަމަށެވެ.

އެޗް1އެން1 އާއި ގުޅިގެން މިހާތަނަށް ހަ މީހުން މަރުވެފައިވާއިރު 222 މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީގެ ތަފާސް ހިސާުތަކުން ދައްކަ އެވެ.