ގާސިމް އިބްރާހިމް

ގާސިމް ހާޒިރުކުރީ ރިސްވަތުދޭން އުޅުނު ކަމަށް ތުހުމަތުކޮށް

Mar 29, 2017
4

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު، ގާސިމް އިބްރާހިމް މިރޭ ފުލުހަށް ހާޒިރުކޮށްފއިވަނީ ރިސްވަތުދޭން އުޅުނު ކަމުގެ ތުހުމަތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. ގާސިމް މިރޭ ފުލުހަށް ވަަޑައިގެންނެވި އިރު ގާނޫނީ ވަކީލުންގެ ގޮތުގައި ވަޑައިގެންނެވީ މަޖިލިސް މެންބަރު މާރިޔާ އަހުމަދުދީދީ އާއި މަޖިލިސް މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އެވެ.

ގާސިމް ފުލުހަށް ހާޒިރުވެ ވަޑައިގެންނެވީ އެއެމްއެމް ކައިރިން ހިންގަވާފަ އެވެ. ގާސިމް ވަޑައިގެންނެވި އިރު އެ ސަރަހައްދަށް އޭނާގެ ސަޕޯޓަރުންނާއި އިދިކޮޅުބައެއް ފަރާތްތަކުން ވެސް ވަނީ ޖަމާވެފަ އެވެ. ފުލުސް އޮފީހަށް ވަދެ ވަޑައިގަތުމުގެ ކުރިން ގާސިމް ވިދާޅުވީ އޭނާ ހުންނެވީ ސާބިތު ކަމާއެކުގައި ކަމަށާއި އޭނާ ހާޒިރު ކުރަނީ ކޮންކަމެއް ގައިކަން އެނގޭނީ ފުލުސް އިދާރާގެ ތެރެއަށް ވަދެ ވަޑައިގަތުމުން ކަމަށެވެ.

ފުލުހަށް ބަޔާން ދެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ، ފުލުހުން އެމަނިކުފާނު ހާޒިރުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި މަޖިލިސް މެންބަރުންނަށް ރިސްވަތު ދެއްވައި، ނުފޫޒު ފޯރުވާފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވާތީ އެކަން ތަހުގީގުކުރުމަށް ކަމަށެވެ. ނަމަވެސް އެފަދަ ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށާއި ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވައި އެމަނިކުފާނުގެ ޕާޓީ މެންބަރުންނަށް ދެވަނަ ދައުރެއް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ފުލުހުން އަޅުގަނޑުމެންނާ ދޭތެރޭ ކަންތައް ކުރީ ވަރަށް ރަނގަޅަށް. އަޅުގަނޑު ރިޝްވަތު ދޭނެ ކަމަށް ބުނި މައްސަލައެއް މީހަކު ފުލުހަށް ހުށަހަޅާފައި ވަނީ. ނަމަވެސް އެބޭފުޅުން އެކަމާ ގުޅެ ހުރިހާ ސުވާލެއް ކުރެއްވި. އަދި ބަޔާން ނަގާފައި ސޮއިކޮށްފަ މި ނުކުތީ. ފުލުހުން ބުނި ދެން އެ މައްސަލާގައި ހާޒިރުވާން ނުޖެހޭނެ ކަމަށް ވެސް،" ގާސިމް ވިދާޅުވި އެވެ.

ގާސިމް މިރޭ ފުލުހަށް ހާޒިރުކުރި އިރު އިއްޔެ ރޭ ވަނީ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.