ސްޓޮކް އެކްސްޗޭންޖް

ހިއްސާގެ ބާޒާރުގައި ސީޕީއެލްސީގެ ހިއްސާ ގަނެ ވިއްކަން ހުޅުވާލައިފި

Mar 30, 2017
2

ސަންޗޫރިއަން ޕަބްލިކް ލިމިޓެޑް (ސީޕީއެލްސީ) ގެ ހިއްސާ ރާއްޖޭގެ ހިއްސާގެ ބާޒާރު މެދުވެރިކޮށް ގަނެ ވިއްކަން މިއަދު ހުޅުވާލައިފި އެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ބުނީ ސީޕީއެލްސީ އިން އާންމުކޮށް ހިއްސާ ވިއްކަން ހުޅުވާލުމުން ހިއްސާ ގަތް ފަރާތްތަކުގެ ތެރެއިން މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓްގައި ހިއްސާގެ އެކައުންޓް ހުޅުވާފައިވާ ފަރާތްތަކުގެ ހިއްސާ އެފަރާތްތަކުގެ އެކައުންޓަށް މިހާރު ޖަމާކޮށްފައިވާނެ ކަމަށެވެ.

އަދި ބުނީ ސްޓޮކް އެސްޗޭންޖް ލިސްޓިން ރޫލްސްގައިވާ ގޮތަށް ސީޕީއެލްސީގެ ހިއްސާ މިއަދުން ފެށިގެން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ އޮފިޝަލް ލިސްޓްގައި ހިމަނައި ރާއްޖޭގެ ހިއްސާގެ ބާޒާރު މެދުވެރިކޮށް ގަނެ ވިއްކަން ހުޅުވާލާފައިވާ ކަމަށެވެ.

މީގެ ދެތިން މަހެއްހާ ދުވަސް ކުރިން ސެންޗޫރިއަންގެ ހިއްސާ ވިއްކަން ފަށައި އެ ކުންފުނީގެ ޓީމުތަކުން ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި ރޯޑު ޝޯތައް ބޭއްވި ކަމަށެވެ. އެގޮތުން ސެންޗޫރިއަންގެ ޓީމުތައް 31 ރަށަކަށް ދަތުރުކޮށް ހިއްސާއާ ބެހޭ މައުލޫމާތު ދީ، އެ ރަށްރަށުގެ ރައްޔިތުންނަށް ހިއްސާ ވިއްކި އެވެ. އަދި 10 ރަށެއްގައި އެ ކުންފުނީގެ އެޖެންޓުން މެދުވެރިކޮށް ހިއްސާ ވިއްކުމުގެ މަސައްކަތް ވެސް ކުރިއެވެ.

ސެންޗޫރިއަންއަކީ 2010 ވަނަ އަހަރުން ފެށިގެން ޝިޕިން ލޮޖިސްޓިކްގެ މަސައްކަތް ކުރާ ކުންފުންޏެކެވެ. އެ ކުންފުނިން ނިންމީ ހިއްސާގެ 49 ޕަސެންޓް، ހިއްސާއެއް 25ރ. އަށް ވިއްކާށެވެ. ނަމަވެސް މިހާތަނަށް ވިއްކި ހިއްސާގެ އަދަދު އަދި ހާމައެއް ނުކުރެ އެވެ.