ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް އާ ސަފީރެއް ކަނޑަައަޅައިފި އެވެ. ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ޑާކާ ޓްރައިބިއުން ނޫހުން މިއަދު ބުނީ ބަންގްލަދޭޝުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރަކަށް ހަމަޖައްސާފައި ވަނީ ރިއާ އެޑްމިރަލް އަޚުތަރު ހަބީބު ކަމަށެވެ.
ރާއްޖޭގައި މިހާރު ހުންނެވި ބަންގްލަދޭޝް ސަފީރު ރިއާ އެޑްމިރަލް ގާޒީ ސަރްވާރް ޙުސައިންގެ ސަފީރުކަމުގެ ދައުރު މިހިނގާ މާޗްމަހުގެ ނިޔަލަށް ނިމޭނެ އެވެ.
އަލަށް ހަމަޖެެއްސި ސަފީރު އަޚުތަރު ހަބީބަކީ ޖަރުމަނުގެ ނޭވަލް އެކަޑަމީ އިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ބަންގްލަދޭޝްގެ ކަނޑުގެ ސިފައިންގެ ތެރޭގައި އޭނާ ހިދުމަތް ކުރައްވަން ފެއްޓެވީ 1982 ވަނަ އަހަރު އެވެ. ބަންގްލަދޭޝްގެ ކަނޑުގެ ސިފައިންގެ ތެރޭގައި އޭނާ ހިދުމަތް ކުރެއްވި ދިގު މުއްދަތުގައި އޭނާ ވަނީ އެގައުމުގެ ބޮޑެތި ހުރިހާ މަނަވަރުތަކާއި އެގައުމުގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކުގެ މުޅި ފްލީޓްގެ ވެސް ކޮމާންޑަރުކަން ކުރައްވާފަ އެވެ.
އޭގެ އިތުރުން ޗިޓަގޮން ސަރަހައްދުގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު ކަމާއި ނޭވަލް އޭވިއޭޝަނާއި ކަނޑުގެ ސިފައިންގެ ޚާއްސަ ފައުޖުތަކުގެ ކޮމާންޑަރުކަން ވެސް އޭނާ ކުރައްވާފައި ވެެއެވެ. އޭގެ އިތުރުން އޭނާ ވަނީ ބަންލަދޭޝްގެ ކަނޑުގެ ސިފައިންގެ މައި މަރުކަޒުގެ ޑިރެކްޓަރުގެ ގޮތުގަޔާއި ސިފައިންގެ ޖާސޫސީ އިދާރާގައި ވެސް ހިދުމަތް ކުރައްވާފަ އެވެ.
އަޚުތަރު ހަބީބަކީ ބަންގްލަދޭޝްއާއި އިންޑިއާއި ދެމެދު ކަނޑުގެ ސަރަހައްދު ކަނޑައެޅުމަށް ކުރި މަޝްވަރާތުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.