ލައިފްސްޓައިލް

ދިގު ޓްވީޓުތައް ކުރަން ބޭނުންވާ މީހުނަށް ރަނގަޅެއް!

Apr 1, 2017

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ސޯޝަލް މީޑިއާ، ޓްވިޓާ ތެރެއަށް މުޅި ދުވަހު ވަދެ އޮވެ، ޓްވީޓު ކުރަން ތިބޭ މީހުންނާއި މަދުން ވިޔަސް ޓްވީޓުތަކަށް ޖަވާބު ދޭ މީހުންގެ ވެސް ބޮޑު އެއް ޝަކުވާއެއް އޮވެ އެވެ. އެއީ އެހެން ސޯޝަލް މީޑިއާތަކުގައި ލިޔެވޭ ފަދައިން ބޭނުން ދިގު މިނެއްގައި ޓްވީޓެއް ނުކުރެވޭ އިރު ބޮޑެތި ޔޫޒާ ނޭމްތައް ހުންނަ މީހުން ކުރާ ޓްވީޓުތަކަށް ޖަވާބު ދޭން ލިޔެވޭ ކެރެކްޓާ ކޮޅުން ނުފުދޭ މައްސަލަ އެވެ.

މިސާލަކަށް ބުނާނަމަ ކޮންމެ މީހަކަށް ވެސް 140 ކެރެކްޓާގެ ޓްވީޓެއް ކުރެވޭ އިރު ޔޫޒާ ނަމަކަށް realDonaldTrump@ ނުވަތަ Maldivian_Idol@ ޓެގު ކުރުމަށް ފަހު ލިޔަން ބޭނުންވާ އެތި ލިޔާ ވަރަކަށް ކެރެކްޓާ ހަމަނުވުމެވެ. މި މައްސަލަ ބޮޑުވެ ގިނަ ބަޔަކު ޝަކުވާ ކުރަމުން ދަނިކޮށް ޓްވިޓާއިން އިއްޔެ ވަނީ އެކަމަށް ހައްލެއް ހޯދައިދީ ޓްވިޓާ ފޭނުންނަށް އުފާވެރި ހަބަރެއް ދީފަ އެވެ.

ޓްވިޓާގެ ޕްރޮޑަކްޓް މެނޭޖާ ސަސަންކް ރެޑީ ވިދާޅުވި ގޮތުގައި ގިނަ ބައެއްގެ އެދުމުގެ މަތިން ޓްވީޓުގެ ކެރެކްޓާ ގުނާ އިރު ޔޫޒާ ނޭމް ނުހިމަނާ ގޮތަށް ނިންމީ އެވެ. އޭގެ ސަބަބުން ވާހަކަ ދައްކާލަން ފަސޭހަވެ ގިނަ ކެރެކްޓާތައް ލިބޭނެ ކަމަށް ރެޑީ ވިދާޅުވި އެވެ.

ނަމަވެސް އެ އަޕްޑޭޓުގެ ނާޖާއިޒް ފައިދާ ހިފާ ހަމައެކަނި ޔޫޒާ ނަންތައް ބޭނުންކޮށްގެން ދިގު ސްޕޭމް ޓްވީޓުތައް ދައުރުވާން ފަށާފާނެ ކަމަށް އެ ސޯޝަލް މީޑިއާ ބޭނުން ކުރާ ބައެއް މީހުން ބުނެ އެވެ.