ވިޔަފާރި

ދޮން އަނބުން ބާޒާރު ދޮންކޮށްލައިފި!

ރާއްޖެގެ އަނބު މޫސުން މި ދުވަސްވަރަކީ ލޯކަލް މާރުކޭޓްގައި އަނބު ވަރަށް ބޮޑަށް ތިޔާގިވެފައިވާ ދުވަސްވަރެކެވެ. ދަތުރުވެރިންގެ މާރުކޭޓާއި މުޅި ސަރަހައްދުން ވެސް ފެންނަނީ ދޮން އަނބެވެ. ރާއްޖޭގައި އަނބު ހެއްދުމަށް މަޝްހޫރު ރަށެއް ކަމަށްވާ ށ. ފީވަކު އަނބު މިހާރު މުޅިންހެން މަރުކާޓުން ވަނީ ގާތްގަނޑަކަށް ހުސްވެފަ އެވެ.

މިހާރު މާރުކޭޓް ގިނައީ ފުވައްމުލކާއި އައްޑޫ އަތޮޅުގެ އަނބެވެ. ބާޒާރުގައި އަނބު ތިޔާގި ނަމަވެސް އަގުތަށް އެހާ ހެވެއް ނޫނެވެ. އަނބުގެ އަގު އާންމު ގޮތެއްގައި ވިއްކަނީ އަނބު ބަޔެއް 100 ރުފިޔާއަށެވެ. ބައެއްގައި 14 ނޫނީ 15 ވަރަކަށް އަނބެވެ. ވަކިން އަނބެއް ވިއްކަނީ 10 ރުފިޔާއަށެވެ. އަނބު ތިޔާގެ ދުވަސްވަރެއްގައި އަނބުގެ އަގު ބޮޑު ކަމުގެ ޝަކުވާ ބައެއް މީހުން ކުރެ އެވެ.

ވިޔަފާރިވެރިން ބުނާ ގޮތުގައި، އަނބުގެ އަގު ބޮޑީ އަދި މޫސުން ރަނގަޅަށް ނުފެށޭތީ އެވެ. ބައެއް ފަރާތްތަކުން ބުނަނީ އަނބު މޫސުން އަދި ކުރިއަށް އޮތީ ކަމަށާއި ކުރިއޮތް ތާނގައި އަގަށް ވެސް ރަނގަޅު ބަދަލެއް އަންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އަނބު މާރުކޭޓްގައި ގިނަ ވާނެ ކަމަށް ބެލެވެ އެވެ. ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ގިނަ އަދަދެއްގެ އަނބު ކޮންމެ ދުވަހަކު ވެސް ފީވެގެން އުކާލަން ޖެހުމެވެ.