ދުނިޔެ

ލަންކާގައި ޑެންގޫ އާއި ސްވައިން ފްލޫ ބާރަށް ފެތުރެނީ

އަވަށްޓެރި ސްރީލަންކާގައި ޑެންގޫ ހުމާއި އެޗް1އެން1 ގެ ސަބަބުން މީހުން މަރުވާ މިންވަރު އިތުރު ވެފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާބެހޭ އިދާރާތަކުން އިއްޔެ ބުނެފި އެވެ.

ލަންކާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ސަންޑޭޓައިމްސް ނޫހުން މިއަދު ބުނީ ފާއިތުވި ތިން މަސްދުވަސް ތެރޭގައި ޑެންގޫ ހުން ޖެހިގެން މަރުވި މީހުންގެ އަދަދު 53 އަށް އަރާފައިވާ ކަމަށެވެ. ޑެންގޫ ހުން ޖެހިގެން ރިޕޯޓްކުރި އަދަދު 27,898 އަށް އަރާފައިވާ ކަމަށާއި އެހެންވެ އެގައުމުގެ 11 ޑިސްޓްރިކްޓަކަށް އެކަމުގެ އިންޒާރު ދީފައިވާ ކަމަށް ވެސް އެނޫހުން ބުންޏެވެ.

ޑެންގޫހުން ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އަންގާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ވެރިރަށް ކޮލަމްބޯ، ގަމްޕަހާ، ކަލޫޓަރާ، ގާލީ، މަޓާރާ، ހަމްބަންޓޯޓާ، ބަޓިކަލޯއާ، ޓްރިކޮމޮލީ، ޖަފްނާ، ރަތުނާޕޫރާ އަދި ކިގާލީ ހިމެނެއެވެ.

ސްވައިން ފްލޫގެ ނުރައްކާ ކުޑަވެފައިވާ ކަމަށް ލަންކާ ސަރުކާރުން ކުރިން ބުނެފައިވީ ނަމަވެސް އެ ރޯގާ ވެސް މިހާރު އެގައުމުގެ ސެންޓްރަލް ޕްރޮވިންސްގެ ބައެއް ހިސާބުތަކަށް ފެތުރިފައިވާ ކަމަށް އިއްޔެ ވަނީ ބުނެފައެވެ. ސެންޓްރަލް ޕްރޮވިންސް ހެލްތު ސާވިސަސް ޑައިރެކްޓަރު ޝާންތީ ސަމަރަސިންހަ ސަންޑޭ ޓައިމްސް އަށް ވިދާޅުވެފައި ވަނީ އެ ޕްރޮވިންސްގައި 115 މީހަކު އެޗް1އެން1 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަސްތެރޭގައި ކެންޑީއާއި މަޓާލީ ޑިސްޓްރިކްޓުން އެރޯގާގައި 17 މީހަކު މަރުވެފައިވާ ކަމަށެވެ.

ލަންކާ ހެލްތު މިނިސްޓްރީގެ އެޕިޑެމިއޮލޮޖިސްޓް ޑރ. ސަމީތާ ގިނީޖް ވިދާޅުވެފައި ވަނީ ޑެންގޫ ހުން ފެތުރެެން މަގުފަހިވީ މޫސުމަށް ބަދަލުތަކެއް އައުމުގެ ސަބަބުންނާއި ރައްކާތެރިނޫން ގޮތުގައި ކުނި ނައްތައިލުމުގެ ސަބަބުން ކަމަށެވެ.

ލަންކާއަކީ ދިވެހިންގެ ގިނަ ބަޔަކު ދިރިއުޅޭ އަދި ގިނަ ބަޔަކު އެކި ބޭނުންތަކުގައި ދަތުރުކުރާ ގައުމެކެވެ.