ކުންމިން ފެއާ

ދިވެހި އުފެއްދުންތައް ކުންމިން ފެއާގައި ބައިވެރި ކުރަން ހުޅުވާލައިފި

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި މި އަހަރު ބާއްވާ "ޗައިނާ ސައުތު އޭޝިޔާ އެކްސްޕޯ 2017" (ކުންމިން ފެއާ) ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވާލައިފި އެވެ. މިއީ އަންނަ ޖޫން މަހުގެ 12 އިން 18 އަށް ކުރިޔަށް ގެންދާ ފެއާއެކެވެ.

އިކޮނޮމިކް މިނިސްޓަރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އެކަމުގައި މިނިސްޓްރީ ފަރާތުން އިސްކޮށް އުޅުއްވާ، އަހުމަދު މުންތާޒު ވިދާޅުވީ މި އަހަރުގެ ކުންމިން ފެއާގައި ދިވެހި ވިޔަފާރިވެރިންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި އެގޮތުން އެ ފެއާގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ފޯމް ހުށަހަޅަންޖެހޭ ކަމަށެވެ.

މިދިޔަ ފަހަރު ރާއްޖެއަށް "ކަންޓްރީ އޮފް ހޮނާ"ކަން ލިބުން ނަމަވެސް މި ފަހަރު ފުރުސަތު އޮތީ ޝައުގުވެރިވާ ވިޔަފާރިވެރިން އެ ފެއާގައި ބައިވެރިވާން ކަމަށާއި އެގޮތުން ތަކެތި ބައިވެރި ކުރުމާއި ޗައިނާގެ ދަތުރުވެސް މިއަހަރު ކުރަން ޖެހޭނީ އަމިއްލަ ހަރަދުގައި ކަމަށް މުންތާޒު ވިދާޅުވި އެވެ. ނަމަވެސް އެ ފެއާގައި ތަކެތި ވިއްކުމަށް ބޭނުންވާ ނުވަ ފޫޓުގެ ސްޓޯލްތައް މިނިސްޓްރީ ފަރާތުން ހިލޭ ލިބޭނެ ކަމަށް ވެސް މުންތާޒު ވިދާޅުވި އެވެ.

"ކުންމިން ފެއާގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކާއެކު ތަފާތު މީޓިންތައް ބާއްވާ މިއަށް އަހުލުވެރި ކުރުމަށް މަސައްކަތް ކުރެވިގެން ދާނެ. އަދި އެސްއެމްއީތަކަށް އެންޓަޕްރައިޒް ޑިވަލޮޕްމަންޓް ޕްލެޓްފޯމުގެ ތެރެއިން މީހުން ތައްޔާރުކޮށް މެޓީރިއަލް ތައްޔާރުކުރުމުގައި އެހީތެރިކަން
ފޯރުކޮށްދޭނަން،" މުންތާޒު ވިދާޅުވި އެވެ.

ކުންމިން ފެއާ އަކީ ޗައިނާގެ އުފެއްދުންތަކުގެ އިތުރުން ސައުތު އޭޝިޔާގެ ގިނަ ގައުމުތަކުގެ އުފެއްދުންތައްވެސް ފެނިގެންދާނެ ފެއާއެކެވެ. އަދި މިދިޔަ އަހަރު ރާއްޖެއިން ވަނީ 9000 އަށް ވުރެ ގިނަ ތަކެތި ބައިވެރިކޮށް ވަރަށް ކާމިޔާބު ކަމާއެކު އެ ފެއާ ނިންމާލާފަ އެވެ.