ވިޔަފާރި

އެމްއައިބީގެ އިތުރު 10 ޕަސެންޓް ހިއްސާ ސަރުކާރުން ގަނެފި

Apr 2, 2017
1

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އޮންނަ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) ގެ ހިއްސާގެ ތެރެއިން 10 ޕަސެންޓް ހިއްސާ ސަރުކާރުން ގަތުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިނޭންސް ގެ ފަރާތުން ސޮއިކުރީ، ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ ހާރިސް ހާރޫންއެވެ.

އެމްއައިބީ އުފެދުނުއިރު އެ ބޭންކްގައި އޮތީ ސަރުކާރުގެ 15 ޕަސެންޓް ހިއްސާ އަދި އައިސީޑީގެ 85 ޕަސެންޓް ހިއްސާއެވެ. އެހެން ނަމަވެސް އެމްއައިބީގައި އޮންނަ އައިސީޑީގެ ހިއްސާގެ ތެރެއިން 10 ޕަސެންޓް ވިއްކާލަން އެފަރާތުން ބޭނުންވުމާއި ގުޅިގެން އަދި އެމްއައިބީ ފުޅާވެ، ކުރިއަރަމުންދާ ވިޔަފާރިއާއި ފައިދާވަމުންދާ މިންވަރަށް ބެލުމަށްފަހު އެ 10 ޕަސެންޓް ހިއްސާ ގަތުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެ އެއްބަސްވުމާއެކު އެމްއައިބީގައި އޮންނަ ސަރުކާރުގެ ހިއްސާގެ ޖުމުލަ 25 ޕަސެންޓަށް އިތުރުވާނެ އެވެެ.