ދުނިޔެ

ޗައިނާއާ ނުލައި އުތުރު ކޮރެއާގެ މައްސަލަ ހައްލުކުރާނަން: ޓްރަމްޕް

Apr 3, 2017

އުތުރު ކޮރެއާއިން ދަައްކަމުންދާ ނިއުކްލިއަ ހަތިޔާރުގެ ބިރުގެ މައްސަލާގައި ޗައިނާއިން އެހީ ވިޔަސް ނުވިޔަސް އެމެރިކާއިން އެކަން ހައްލު ކުރާނެ ކަަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ފައިނޭންޝަލް ޓައިމްސް އިން އިއްޔެ ޝާއިއުކުރި ޓްރަމްޕްގެ އިންޓަވިއުގައި އޭނާ ވިދާޅުވެފައި ވަނީ އުތުރު ކޮރެއާގެ މައްޗަށް ޗައިނާގެ ބޮޑު ނުފޫޒެއް އޮންނަ ކަމަށާއި އުތުރު ކޮރެއާގެ މައްސަލައިގައި އެމެރިކާއަށް އެހީ ވުމަށް ނުވަތަ ނުވުމަށް ވެސް ޗައިނާއިން ނިންމައިފާނެ ކަމަށެވެ.

"އެކަން އެގޮތަށް ކޮށްފިއްޔާ ޗައިނާއަށް ވަރަށް ރަނގަޅުވާނެ. ނުކޮށްފިއްޔާ އެއްވެސް ބަޔަކަށް ރަނގަޅެއް ނުވާނެ،" ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

ޗައިނާއިން އެހީ ނުވެއްޖެ ނަމަ އުތުރު ކޮރެއާއާ ދެކޮޅަށް ފިޔަވަޅު އަޅާނީ އެމެރިކާ އަމިއްލައަށްތޯ ކުރި ސުވާލަށް ޓްރަމްޕް ޖަވާބު ދެއްވާފައެއް ނުވެއެވެ. އަދި އެެމެރިކާއިން އުތުރު ކޮރެއާއާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ އިތުރު ތަފުސީލެއް ވެސް ޓްރަމްޕް ނުދެއްވަ އެވެ.

ޓްރަމްޕް މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ޗައިނާގެ ރައީސް ޝީޖިންޕިން އެމެރިކާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ދަނޑިވަޅެއްގަ އެެވެ. ފްލޮރިޑާގެ ޕާމް ބީޗްގައި ހުންނަ ޓްރަމްޕްގެ އަމިއްލަފުޅު އެސްޓޭޓް މާރް އަ ލާގޯގައި އޭނާ ޝީޖިންޕިންއާ ބައްދަލު ކުރައްވަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

އުތުރު ކޮރެއާއިން މިސައިލްތައް ޓެސްޓްކޮށް، ސަރަހައްްދަށް ބިރުވެރިކަން ފަތުރަން ފެށުމުން ޗައިނާއިން ވަނީ އެގައުމާ ދެކޮޅަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. ޗައިނާއަކީ އުތުރު ކޮރެއާއާ ސިޔާސީ ގުޅުން އޮންނަ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ޗައިނާއިން އެޅި އެއް ފިޔަވަޅަކީ އުތުރު ކޮރެއާއިން ޗައިނާއަށް ބޯޓުދެލި އެކްސްޕޯޓްކުރުން 2017 ވަަނަ އަހަރުގެ ނިޔަލަށް މަނާކުރުމެވެ.

އެމެރިކާ ސަރުކާރުން ދެކޭ ގޮތުގައި އެމެރިކާގެ މައިރަށާ ހިސާބަށް ފޯރާ ވަރުގެ މިސައިލެއް އުތުރު ކޮރެއާއިން ތަރައްގީކުރުމުގެ ނުރައްކާ އެބަ އޮތެވެ.