ރިޕޯޓް

ކެޔޮދޫގައި ފައްކާވާ ޓޫރިޒަމާއެކު ރަށަށް ތިޔާގިކަން!

  • ކެޔޮދޫގައި އަށް ގެސްޓްހައުސް
  • ވިޔަފާރިން ރަށަށް ބޮޑު ފައިދާއެއް
  • ރަށުން ވަޒީފާތަކެއް އުފެދިއްޖެ

(ވ. ކެޔޮދޫއިން: މުހައްމަދު އަފްރާހު) -- މިއީ ކުރިން މަސްވެރި ރަށެކެވެ. ރަށުގެ އިގްތިސާދުގެ މައިގަނޑު ތަނބަކީ މަސްވެރި ކަމެވެ. މި މަސައްކަތުގައި ވެސް މިރަށުގެ ރައްޔިތުންނަކީ ހީވާގި، މުރާލި ބައެކެވެ. ނަމަވެސް ޒަމާން ބަދަލުވެއްޖެ އެވެ. މި ބަދަލާއެކު މުޅިން އާ މަސައްކަތެއް މިރަށަށް "ލައްގައިފި" އެވެ. މުޅި ރާއްޖެ އަށް ފުޅާވެ ތަރައްގީ ވަމުންދާ ގެސްޓްހައުސް ވިޔަފާރި މިރަށުގައި ވެސް މިއޮތީ ވަކި ހިއްޕާލައިފަ އެވެ. މި ވިޔަފާރި ރަށުގައި ފައްކާވާން ފެށުމާއެކު، ކެޔޮދޫ އަށް މިވަނީ ތިޔާގިވާން އެނބުރި އައިސްފަ އެވެ.

"ރަށަށް ލޯކަލް ޓޫރިޒަމް އައުމުން މިހާރު ގިނަ މީހުން މި ހަރަކާތްތެރިވަނީ މި މަސައްކަތުގައި. ކުރިން ރަށުން ބޭރުގައި މަސައްކަތް ކުރި ރަށުގެ ކުދިން މިހާރު މިރަށަށް އައިސް ވަޒީފާތަކުގަ އުޅެނީ،" ކެޔޮދޫ ކައުންސިލްގެ ނައިބް ރައީސް އާސިޔާ ހުސެއިން ވިދާޅުވި އެވެ.

މި ރަށުގައި ނުރަސްމީކޮށް ގެސްޓްހައުސްގެ ވިޔަފާރި ފެށީ 2008 ގެ ވެސް ކުރިންނެވެ. ނަމަވެސް މި ރަށުގައި ރަސްމީކޮށް މި ވިޔަފާރި ފެށިތާ އަދިވީ ފަސް ވަރަކަށް އަހަރެވެ. މިގޮތުން މިރަށުގައި މިހާރު އަށް ގެސްޓްހައުސް ހިންގަ އެވެ. އަދި މި އަހަރާއި އަންނަ އަހަރު ވެސް އިތުރު ގެސްޓް ހައުސް ތަކެއް ހުޅުވިގެން އަންނާނެ އެވެ. މި ވިޔަފާރި ފުޅާ ކުރުމަށް މިރަށުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ރަށުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަނާކުރުމެވެ. މީގެ އިތުރުން ރަށުގެ ކައިރީގައި މޫދު އަޑީގައި ދާރުލްއާސާރެއް ހަދަން ދަނީ މަސައްކަތް ކުރަމުންނެވެ.

މިރަށުގައި ރަޖިސްޓްރީ ކޮށްގެން ފުރަތަމަ ހުޅުވި "ޖުޕިޓާ ސަންރައިޒް ލޮޖް" ގެ އެއް ހިއްސާދާރު ކަމަށްވާ އަހުމަދު ނާފިއު ވިދާޅުވި ގޮތުގައި އާ ވިޔަފާރީގެ ސަބަބުން ރަށަށް ހެޔޮ ފައިދާ ތަކެއް އަތުވެއްޖެ އެވެ. ރަށް ބަދަލުވެއްޖެ އެވެ.

"މި ވިޔަފާރީން ރަށަށް ވަރަށް ބޮޑު އާމްދަނީއެއް ލިބޭ. ބުނެވޭނީ މިއީ ރަށްރަށުގައި ކުރަން އެންމެ ރަނގަޅު އެއް ވިޔަފާރި ކަމަށް،" ނާފިއު ވިދާޅުވި އެވެ.

ރަށުގައި ދައުރުވާ ފައިސާ އިތުރު

ކެޔޮދޫގައި ޑައިވިން ސެންޓަރެއް ކަމަށްވާ "މުރަކަ ޑައިވް" އިން ވާހަކަ ދެއްކި އަބްދުﷲ ރަމީޒު ވިދާޅުވި ގޮތުގައި ކެޔޮދޫއަށް އަންނަ ގިނަ ޓޫރިސްޓުން ޑައިވިން އިހުތިޔާރު ކުރެ އެވެ. އަދި އެކަން ދަނީ ފުޅާވަމުންނެވެ.

"މިތަނަށް ގިނައިން އަންނަނީ ސުވިޒް އާއި ޖާމަން މީހުން. މިތަނަށް އަންނަ މީހުންގެ ބޮޑު ބައެއް ޑައިވް ކުރޭ. މީގެ މައިގަނޑު ސަބަބަކީ ވ. އަތޮޅު ޑައިވިން އަށް މަޝްހޫރުވުން،" ރަމީޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިޔަފާރީގައި އޮތް އަނެއް މައްސަލައަކީ ގެސްޓުން ގޮވައިގެން އެކްސްކާޝަނަށް ދާން ރަށުގެ ކައިރީގައި ހުރި ގިނަ ފަޅުރަށްތަކެއް ރިސޯޓު ތަރައްގީ ކުރުމަށް ދޫކުރުމާއި މި ސަރަހައްދުގައި ޑައިވިން ކުރުމަށް ނަގާ އަގު ކުޑަވުމެވެ.

"ހަގީގަތުގައި އެންމެ ބޮޑު އެއް މައްސަލައަކީ ޑައިވިންގެ އަގު ކުޑަވަނީ. މިތާ ޑައިވިން ކުރެވޭން ޖެހޭ 120 ޑޮލަރަށް. އެކަމަކު މި ކުރަނީ 60 ޑޮލަރަށް ޑައިވެއް. މި ހިސާބުގައި މި ހުންނަނީ އެއް ފަހަރު ގޮސްފިނަމަ އެތައް ފަހަރަކުދާހާ ރީތި ތަންތަން،" ތިން ރޫމްގެ ގެސްޓްހައުސްއިން ވާހަކަ ދެއްކެވި ރަމީޒު ވިދާޅުވި އެވެ.

މި ރަށުގައި ހިންގާ ހަތަރު ކޮޓަރީގެ "ވައިޓް މާކަނާ" ގެ ވެރިޔާ، އާދަމް އިބްރާހިމް ވިދާޅުވި ގޮތުގައި މި ވިޔަފާރިއަކީ ރަށްރަށުގެ ތަރައްގީއަށް އެންމެ މުހިންމު އެއް ވިޔަފާރި އެވެ. އެ ރަށު ރައްޔިތުން ތިބީ މިކަން ދެން ބަދަލު ނުކުރުމުގެ ވަރުގަދަ އަޒުމެއްގަ އެވެ.

"ޒުވާނުންގެ ވަޒީފާ އިތުރުވެއްޖެ. މި ވިޔަފާރިން އެތަށް ހާސް ޑޮލަރެއް ރަށުތެރޭގައި ދައުރުވޭ. އެހެންވެ މިހުރީ ފައިދާ. އެހެންވެ ވިޔަފާރިތަކަށް ވެސް މީގެން ކުރި އެރުން އާދެ. ހަމަ ޔަގީނުން ވެސް މި ރަށުގައި އެނބުރޭ ފައިސާ އިތުރު ވެއްޖެ،" އާދަން ވިދާޅުވި އެވެ.

މައްސަލައަކީ ބަނދަރު

ގެސްޓްހައުސް ވިޔަފާރި ފުޅާވި ނަމަވެސް، މިރަށަށް ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުމަށް ހައްލެއް އަދިވެސް ނުލިބެ އެވެ. ރަށުގެ ބަނދަރު 2004 ސުނާމީގައި ހަލާކުވި ގޮތަށް އޮތީ އެވެ. އެހެންވެ ބަނދަރަށް އަރާ ފޭބުން ވަނީ ނުރައްކާވެފަ އެވެ. މިކަމުގެ ސަބަބުން ރަށުގެ ތަރައްގީގައި ބުރަކި ޖެހިފައި ކަމަށް ކައުންސިލުން ސިފަ ކުރެ އެވެ. ބަނދަރަށް ވަންނަ މައި ފައިކައްޓެއް ނެތެވެ. އަދި ބޭރު ތޮއްޓާއި މަގަތު ތޮށިން ބައެއް އޮތީ ވެއްޓިފަ އެވެ. މިކަމުގެ ސަބަބުން ބަނދަރު ވަނީ ވެލިފައިބައި ތިލަ ވެފައެވެ. އަދި ތޮށިގަނޑު ވެއްޓިފައި އޮތުމުން ގަދަ ދުވަސްވަރު ބަނދަރުގެ ބޭނުން ކުރަން ދަތިވެ އެވެ.

ނައިބް ރައީސާ، އާޝިޔާ ވިދާޅުވި ގޮތުގައި ބަނދަ ނުހެދި އޮތުމުން ގެސްޓް ހައުސް ވިޔަފާރި ފުޅާ ކުރުމަށް ވެސް ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ.

"މިކަމުގެ ސަބަބުން ނަރުދަމާ ފަދަ ހިދުމަތްތައް ގާއިމް ކުރުމުގައި ވެސް ވަނީ ދަތިތަކާ ދިމާވެފަ. އަނެއްކާ ރަށަށް ކުރިމަތިވަމުންދާ ކުނީގެ މައްސަލަ ހައްލު ކުރަންވެސް ދަތިވެފައިވޭ،" އާސިޔާ ވިދާޅުވި އެވެ.

މި ރަށުގައި ގެސްޓްހައުސް ވިޔަފާރި ކުރަމުން ގެންދާ، ފަރާތްތަކުގެ މައިގަނޑު އެއް ޝަކުވާއަކީ ވެސް މިއީ އެވެ. ކުރިން ވާހަކަ ދެއްކެވި އާދަމް އިބްރާހިމް ވިދާޅުވި ގޮތުގައި ބަނދަރު ހަލާކުވެފައި އޮތުމަކީ ކެޔޮދޫއަށް އޮތް އެންމެ ބޮޑު މައްސަލަ އެވެ.

"ތޮށިގަނޑު އޮތީ ހަލާކުވެފައި. މިއީ އެންމެ ބޮޑު މައްސަލައަކީ. ދެން މިއޮތީ ކުނީގެ މައްސަލަ. ރަށަކު މިހާރު ޖާގައެއް ނެތް. ދެން މިއޮތީ ފެނުގެ މައްސަލަ. ފެން ވަރަށް ނުސާފު،" އޭނާ ވިދާޅުވި އެވެ.

ކޮންމެއަކަސް ކުރިން މަސްވެރި، ކެޔޮދޫއަށް މިވަނީ މުޅިންއާ ވިޔަފާރިއެއް ފައްކާވެފަ އެވެ. މިއާއެކު މިރަށަށް މިވަނީ ތިޔާގިކަން އައިސްފަ އެވެ.