ދުނިޔެ

ރޯގާއާ ހެދި ލަންކާގެ ޔުނިވާސިޓީއެއް ބަންދުކޮށްފި

ގިނަ އަދަދެެއްގެ ދަރިވަރުންނަށް ރޯގާއެއް ޖެހުމުން އަވަށްޓެރި ސްރީލަންކާގެ ޔުނިވާސިޓީއެއް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ސަންޑޭ ޓައިމްސް ނޫހުން ބުނީ ދަ ޔުނިވާސިޓީ އޮފް ޕްރިޑްނިޔާ ބަންދުކުރީ އެތަނުގެ 30 ޕަސެންޓް ދަރިވަރުންނަށް " ވައިރަލް ފްލޫ" އެއް ޖެހުމުން ކަމަށެވެ.

ކެންޑީގެ ކައިރީގައިވާ ޕްރިޑްނިޔާ ނަމަކަށް ކިޔާ ސަރަހައްދުގައިވާ އެ ޔުނިވާސިޓީގެ 1000 ދަރިވަރަކު އެސަރަހައްދާއި ކެންޑީގެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ ކަަމަށް ނޫހުން ބުންޏެވެ. އަދި ބުނީ އެޑްމިޓްކޮށްފައިވާ ދަރިވަރުންނަށް ޖެހިފައި ވަނީ އެޗް1އެން1 ކަމަށް ބެލެވިފައިވާ ކަަމަށާއި އެހެން ނަމަވެސް އެކަން އަދި ކަށަވަރު ނުކުރެވޭ ކަމަށެވެ.

ޔުނިވާސިޓީގެ ވައިސް ޗާންސެެލާ އުޕުލް ޑިސަނަޔަކަ ވިދާޅުވެފައި ވަނީ ޔުނިވާސިޓީ ބަންދުކުރީ ރޯގާ ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ބަންދުކުރި ޔުނިވާސިޓީ އަލުން ހުޅުވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ. ބުނެފައި ވަނީ ހުޅުވާނެ ތާރީހެއް ދަރިވަރުންނަށް ފަހުން އަންގާނެ ކަމަށެވެ.

ލަންކާގައި ޑެންގޫ ހުމާއި އެޗް1އެން1 ބާރަށް ފެތުރެމުންދާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން އާދީއްތަދުވަހު ބުންޏެވެ.

ލަންކާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ސަންޑޭޓައިމްސް ނޫހުން އާދީއްތަދުވަހު ބުނެފައި ވަނީ ފާއިތުވި ތިން މަސްދުވަސް ތެރޭގައި ޑެންގޫ ހުން ޖެހިގެން މަރުވި މީހުންގެ އަދަދު 53 އަށް އަރާފައިވާ ކަމަށެވެ. ޑެންގޫ ހުން ޖެހިގެން ރިޕޯޓްކުރި އަދަދު 27,898 އަށް އަރާފައިވާ ކަމަށާއި އެހެންވެ އެގައުމުގެ 11 ޑިސްޓްރިކްޓަކަށް އެކަމުގެ އިންޒާރު ދީފައިވާ ކަމަށް ވެސް އެނޫހުން ބުންޏެވެ.

ޑެންގޫހުން ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އަންގާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ވެރިރަށް ކޮލަމްބޯ، ގަމްޕަހާ، ކަލޫޓަރާ، ގާލީ، މަޓާރާ، ހަމްބަންޓޯޓާ، ބަޓިކަލޯއާ، ޓްރިކޮމޮލީ، ޖަފްނާ، ރަތުނާޕޫރާ އަދި ކިގާލީ ހިމެނެއެވެ.

ސްވައިން ފްލޫގެ ނުރައްކާ ކުޑަވެފައިވާ ކަމަށް ލަންކާ ސަރުކާރުން ކުރިން ބުނެފައިވީ ނަމަވެސް އެ ރޯގާ ވެސް މިހާރު އެގައުމުގެ ސެންޓްރަލް ޕްރޮވިންސްގެ ބައެއް ހިސާބުތަކަށް ފެތުރިފައިވާ ކަމަށް އިއްޔެ ވަނީ ބުނެފައެވެ. ސެންޓްރަލް ޕްރޮވިންސް ހެލްތު ސާވިސަސް ޑައިރެކްޓަރު ޝާންތީ ސަމަރަސިންހަ ސަންޑޭ ޓައިމްސް އަށް ވިދާޅުވެފައި ވަނީ އެ ޕްރޮވިންސްގައި 115 މީހަކު އެޗް1އެން1 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަސްތެރޭގައި ކެންޑީއާއި މަޓާލީ ޑިސްޓްރިކްޓުން އެރޯގާގައި 17 މީހަކު މަރުވެފައިވާ ކަމަށެވެ.

ލަންކާ ހެލްތު މިނިސްޓްރީގެ އެޕިޑެމިއޮލޮޖިސްޓް ޑރ. ސަމީތާ ގިނީޖް ވިދާޅުވެފައި ވަނީ ޑެންގޫ ހުން ފެތުރެެން މަގުފަހިވީ މޫސުމަށް ބަދަލުތަކެއް އައުމުގެ ސަބަބުންނާއި ރައްކާތެރިނޫން ގޮތުގައި ކުނި ނައްތައިލުމުގެ ސަބަބުން ކަމަށެވެ.

ލަންކާއަކީ ދިވެހިންގެ ގިނަ ބަޔަކު ދިރިއުޅޭ އަދި ގިނަ ބަޔަކު އެކި ބޭނުންތަކުގައި ދަތުރުކުރާ ގައުމެކެވެ.