ވިޔަފާރި

ފިޔަވަޅު އެޅުމުގައި ވަކި މީހަކަށް ވަކި ގޮތެއް ނުގެންގުޅެން: މީރާ

  • ފިޔަވަޅުތައް އުވާލެވޭނީ ވެސް އުސޫލެއްގެ ތެރެއިން
  • ފައިސާ ހޯދުމަށް ފިޔަވަޅު އެޅުމުގައި ވަކި ދުވަސްވަރެއް ނެތް
  • 17 ފަރާތެއްގެ އެކައުންޓް ވަނީ ފްރީޒްކޮށްފައި

ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމަށް އަޅާ ފިޔަވަޅުތަކަކީ ވަކި ފަރާތަކަށް އަމާޒުކޮށްގެން ނޫނީ ވަކި ދުވަސްވަރަކާ ގުޅިގެން އަޅާ ފިޔަވަޅުތަކެއް ނޫން ކަމަށް ކަމަށް ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕްގެ އެކައުންޓްތައް ފްރީޒް ކުރި މައްސަލައިގައި މީރާއަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ އިދާރާތަކުން އަމިއްލަ ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުންތައް އަދި ގާނޫނުތަކުގެ ދަށުން ދައުލަތަށް އެކި ފަރާތްތަކުން ލިބެން ޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރަނީ މީރާއިން ކަމަށެވެ. އަދި ދައުލަތުގެ އިދާރާއަކާ ދެމެދު އޮންނަ އެއްބަސްވުމެއްގެ ދަށުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ އާއި ޖޫރިމަނާ ދެއްކުމުގެ އުސޫލު ކަނޑައަޅާނީ އެ އިދާރާއަކުން ކަމަށާއި މީރާގެ ޒިންމާއަކީ އެ އިދާރާއަކުން ކަނޑައަޅާ އުސޫލާ އެއްގޮތަށް އެކަން ތަންފީޒު ކުރުން ކަމަށް ވެސް މީރާއިން ބުންޏެވެ.

އެގޮތުން އެފަދަ ފައިސާ ހޯދުމަށް ފިޔަވަޅު އެޅުމުގައި ވެސް އަމަލު ކުރަނީ، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި މީރާގެ އެންފޯސްމަންޓް ޕޮލިސީއާ އެއްގޮތަށް ކަމަށް ވެސް އިދާރާއިން ބުންޏެވެ. އަދި ވިޔަފާރީގެ ބާވަތާއި، ސައިޒާއި، ދައްކަންޖެހޭ ފައިސާގެ ބާވަތާއި، ވިޔަފާރިކުރާ ފަރާތުގެ އެހެނިހެން ހައިސިއްޔަތުތަކަށް ބިނާކޮށް މީރާއިން ފިޔަވަޅު އެޅުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

ޓެކްސް ނުދައްކާ ފަރާތްތަކާއި މެދު މީރާއިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ދައުލަތުގެ ފޯރުކޮށްދޭ ބައެއް ހިދުމަތްތައް ހުއްޓުވުމާއި، އެފަދަ ވިޔަފާރީގެ ބޭންކް އެކައުންޓުތައް ފްރީޒްކުރުމާއި އެފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމާއި ކޯޓުމެދުވެރިކޮށް އެފަރާތްތަކުގެ މުދާ ދައުލަތަށް ނެގުން ހިމެނޭ ކަމަށް މީރާއިން ބުންޏެވެ.

މީރާ އިން ނޫސްބަޔާނުގައި އާންމު ކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ދައުލަތުގެ އެކި އިދާރާތަކާ ދެމެދު ހެދިފައިވާ އެއްބަސްވުންތަކުގެ ދަށުން ފައިސާ ނުދައްކައިގެން މިއަހަރުގެ މިހާތަނަށް 1,824 ފަރާތަކާމެދުވަނީ ފިޔަވަޅު އަޅައިފަ އެވެ. އޭގެތެރޭގައި ޓޫރިޒަމް ދާއިރާގައި 270 ފަރާތް ހިމެނޭ ކަމަށް މީރާއިން ބުންޏެވެ. ޓޫރިޒަމް ދާއިރާގެ ބިމު ކުއްޔާއި އެއާގުޅޭ ޖޫރިމަނާ އާއި އެހެނިހެން ފައިސާ ދައްކައިފައި ނުވާތީވެ، 17 ފަރާތެއްގެ ބޭންކް އެކައުންޓުތައް މިވަގުތުވެސް ފްރީޒް ކޮށްފައިވާ ކަމަށް މީރާ އިން ބުންޏެވެ. އޭގެތެރޭގައި މިހާރު ހިންގަމުންގެންދާ އަށް ރިޒޯޓާއި، ޓޫރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މިހާރު އެއްބަސްވުން ބާތިލު ކޮށްފައިވާ ނުވަ ރަށެއް ހިންގާ ފަރާތްތަކުގެ ބޭންކު އެކައުންޓްތައް ހިމެނޭ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

މީރާއިން ބުނި ގޮތުގައި، ޓޫރިޒަމް މިނިސްޓްރީއާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ ފައިސާއާއިގުޅޭ މައްސަލަތަކެއްގައި މީރާއިން ފިޔަވަޅު އަޅާފައި ވަނިކޮށް، ސިވިލްކޯޓުގެ ހުކުމަކާ ގުޅިގެން އެފިޔަވަޅުތައް އުވާލި ނަމަވެސް، އެ ނިންމުން ހައިކޯޓުން ބަދަލުކުރުމާ ގުޅިގެން، އަޅާފައިވާ ފިޔަވަޅު އަނބުރައި އިއާދަކޮށްފައިވާ ދެމައްސަލައެއް ހިމެނެ އެވެ.

"ކޯޓު ހުކުމާ ގުޅިގެން އިއާދަކުރެވުނު ފިޔަވަޅުތަކަކީ ވަކި ދުވަސްވަރަކަށް ބިނާކޮށް ވަކިފަރާތަކަށް ޓާގެޓް ކޮށްގެން އަޅާފައިވާ ފިޔަވަޅުތަކެއް ނޫން،" މީރާގެ ބަޔާނުގައިވެ އެވެ.

މީރާއަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނީ، ގާސިމްގެ ވިލާ ކުންފުނިން ރިސޯޓް ހެދުމަށް ކުއްޔަށް ނަގާފައިވާ ރަށެއް ކަމަށްވާ، ތ.އެލާ އަށް ދައްކަން ޖެހޭ ބިމު ކުއްޔާއި އެ ފައިސާ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާއާ އެކު ދައްކަން އޮތް ޖުމްލަ 100 މިލިއަން ޑޮލަރު ބައިބަޔަށް ބަހާލައިގެން ދެއްކުމަށް ޓޫރިޒަމް މިނިސްޓްރީއާ އެކު ހަދާފައިވާ އެމެންޑްމަންޓް އެގްރިމަންޓް އެ މިނިސްޓްރީ އިން އުވާލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކުރުމުން ވިލާ ކުންފުނީގެ އެކައުންތްތައް އަލުން ފްރީޒް ކުރުމުންނެވެ. އެ މައްސަލަ ވިލާއިން މިހާރު ވަނީ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފަ އެވެ.

މީރާ އިން ބުނީ އެ އިދާރާއިން ވިޔަފާރިއަކާ ދެކޮޅަށް އަޅައިފައިވާ އެއްވެސް ފިޔަވަޅަކުން އުވާލާނީ އެފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން ނުވަތަ އެފައިސާ ދައްކާނެ ގޮތަކާމެދު މީރާއާއެކު އެއްބަސްވުމަކަށް އައުމުން ނުވަތަ ކޯޓު ހުކުމެއްގެ ދަށުން ކަމަށް ވެސް މީރާއިން ބުންޏެވެ.

މީރާ އަކީ އެކިފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި ދައުލަތުގެ އެހެން އިދާރާތަކުން އެކިފަރާތްތަކާއެކު ކުރެވޭ އެއްބަސްވުންތަކުގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ ދުވަހަށް ހަމައަށް ދައްކާތޯ ބެލުމާއި ގަވާއިދުން ފައިސާ ނުދައްކާނަމަ، އެފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށް އުފައްދާފައިވާ އިދާރާ އެކެވެ.