ހަބަރު

ވީއައިއޭއަށް ޖެއްސި ބޯޓެއް ރަންވޭ މަތީގައި ތާށިވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިރޭ ޖެއްސި މަތިންދާބޯޓަކަށް ދިމާވި ޓެކްނިކަލް މައްސަލަޔަކާ ހެދި ރަންވޭ މަތީގައި އެ ބޯޓް ތާށިވެއްޖެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މީޑިއާ އޮފިޝަލު، އިސްމާއީލް ޝަފްރާޒް މިރޭ އަވަސް އަށް ވިދާޅުވީ ރަންވޭ މަތީގައި ތާށިވީ ޓާކިޝް އެއާލައިންގެ މަތިންދާބޯޓެއް ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.

"ލޭންޑިން ގިޔަރަށް މައްސަލައެއް ޖެހިގެން ރަންވޭ މަތީގައި ބޯޓް މަޑުޖެހިފައި އޮތީ ގާތް ގަނޑަކަށް 30 މިނެޓް ވަންދެން. މިހާރު ބޯޓު ވަނީ އެތަނުން ނަގާފައި. ބޯޓް އެތާ މަޑު ޖެހުމުން ރަންވޭ ކުޑަ އިރުކޮޅަކަށް ބަންދު ކުރަން ޖެހުނު،" ޝަފްރާޒް ވިދާޅުވި އެވެ.

ރާއްޖޭގެ ވައިގެ ދަތުރުތަކާ ބެހޭ މައުލޫމާތު އާއްމުކުރާ އޭވިއޭޝަން ޑެއިލީން ބުނީ ރަންވޭ މަތީގައި ތާށިވީ ޓާކިޝް އެއާލައިންގެ މަތިންދާބޯޓް ޓީކޭ 731 ކަމަށެވެ. އެއީ އެއާބަސް އޭ 330-303 މަރުކާގެ ބޯޓެއް ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައި ވެއެވެ. އަދި ބުނީ ބޯޓް ރަންވޭގައި ތާށި ވުމުން ރަންވޭ ބަންދު ކުރުމުން އެގަޑީގައި ޖައްސަން އައި ސިންގަޕޯ އެއާލައިންސްގެ ނަމްބަރު އެސްކިއު 452 މަތިންދާބޯޓް މަޑުޖައްސައިލަން ޖެހުނު ކަމަށެވެ.