ވިޔަފާރި

ބޭންކުތަކުން ޓީ-ބިލަށް ކުރާ އިންވެސްޓް އިތުރަށް މައްޗަށް

Apr 5, 2017

ރާއްޖޭގެ ވިޔަފާރި ބޭންކުތަކުން ޓީ-ބިލަށް އިންވެސްޓްކުރި އަދަދު 23 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭއިން ކޮންމެ މަހަކު އެއްފަހަރު ނެރޭ، އިގްތިސާދީ ރިވިއުގައިވާ ގޮތުން ކޭޝް ފްލޯ ހަމަޖެއްސުމަށްޓަކައި ސަރުކާރުން ދޫކޮށްފައިވާ ސެކިއުރިޓީސް ނޫނީ ޓީ-ބިލް އަދި ބޮންޑް ގެ ތެރެއިން، އަދި މުއްދަތު ހަމަނުވާތީ ނުދައްކާ ހުރި އަދަދަކީ 23.2 ބިލިއަން ރުފިޔާ އެވެ. އަދި މަހުން މަހަށް ބަލާއިރު މި އަދަދު ވަނީ ކުޑަކޮށް މައްޗަށް ޖެހިލާފަ އެވެ.

މީގެ މައިގަނޑު ސަބަބަކީ މި މުއްދަތުގެ ތެރޭގައި ނުދައްކާ ހުރި ޓީ-ބިލްގެ އަދަދު އެއް ޕަސެންޓް، 83.8 މިލިއަން ރުފިޔާ އިތުރުވުން ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ.

"މާލީ އިދާރާތްތަކުން ޓީ-ބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު އިތުރުވުމާ ގުޅިގެން. މި މުއްދަތުގައި ޓީ-ބޮންޑްގެ އައުޓްސްޓޭންޑިންގް އަދަދަށް މާބޮޑު ބަދަލެއް ނާދެ އެވެ،" މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި އަހަރު ދުވަހަށް ބަލާއިރު ސަރުކާރުން ދޫކޮށްފައިވާ ސެކިއުރިޓީސްގެ ތެރެއިން ނުދައްކާ ހުރި އަދަދު ވަނީ މިދިޔަ މަހު 15 ޕަސެންޓް މަތިވެފަ އެވެ. މީގެ މައިގަނޑު ސަބަބަކީ ނުދައްކާ ޓީ-ބިލްގެ އަދަދު 12 ޕަސެންޓް، 6.1 ބިލިއަން ރުފިޔާ މައްޗަށް ދިއުމާއި ބޮންޑްގެ އައުޓްސްޓޭންޑިންގް އަދަދު 18 ޕަސެންޓް 3.1 ބިލިއަން ރުފިޔާ މައްޗަށްދިއުމެވެ.

"ޓީ-ބިލް އައުޓްސްޓޭންޑިންގް އިތުރުވެފައިވަނީ ވިޔަފާރި ބޭންކުތަކުން މި މުއްދަތުގެ ތެރޭގައި ޓީ-ބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު %23 އިތުރުވުމާ ގުޅިގެންނެވެ. ޓީ-ބޮންޑްގެ އައުޓްސްޓޭންޑިންގް އިތުރުވެފައިވަނީ ސަރުކާރުން ދޫކޮށްފައިވާ ޓީ-ބިލްތަކުން ބައެއް ޓީ-ބޮންޑަށް ފާއިތުވި އަހަރުގެ ތެރޭގައި ބަދަލުކޮށްފައިވުމާ ގުޅިގެންނެވެ،"