އިޒްރޭލުން 2017 ވަނަ އަހަރު ފެށުނީއްސުރެ މިހައި ތަނަށް ހައްޔަރު ކުރި ފަލަސްތީނުގެ ކުޑަކުދިންގެ އަދަދު 300 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ގައިދީންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން ބުނެފިއެވެ.
ޕެލަސްޓީނިއަން ޕްރިޒަނާސް ސޮސައިޓީ (ޕީޕީއެސް) އާ ހަވާލާދީ ޕެލަސްޓީނިއަން އިންފޮމޭޝަން ސެންްޓަރުން އިއްޔެ ބުނީ އިޒްރޭލުގެ ޖަލުތަކަށް ގެންގޮސްފައިވާ 300 ކުޑަކުދިންގެ ތެރޭގައި 14 އަންހެން ކުދިން ވެސް ހިމެނޭ ކަަމަށެވެ.
އިޒޭލުން މިއަހަރު ހައްޔަރުކުރި ގިނަ ކުދިންނަކީ އިރުމަތީ ގުދުސްގައި ދިރިއުޅުނު ކުދިންނެވެ. އެކުދިން ހައްޔަރުކުރުމުގެ ތެރޭގަޔާއި ޖަލަށް ގެންދިއުމަށް ފަހު ލާއިންސާނީ އެތައް އަނިޔާތަކެއް ދީފައިވާ ކަމަށް ޕީޕީއެސް އިން އާއްމުކުރި ރިޕޯޓްގައި ބުނެފައި ވެއެވެ. އެގޮތުން ދިން އަނިޔާތަކުގެ ތެރޭގައި ރޭގަނޑުގެ ވަގުތުގައި ހައްޔަރުކުރުމާއި ބިރުދެއްކުމާއި ކުދި ހާނީއްކަ ކުރުމާއި ގަޔަށް ބަޑިޖެހުމާއި ގަދަ ކަމުން ބަޔާން ނެގުން ހިމެނެއެވެ. އަނިޔާކޮށްގެން ބަޔާން ނެގުމަށް ފަހު އިޒްރޭލުގެ ކޯޓްތަކުން ކުޑަކުދިންނަށް ބޮޑެތި ހުކުމްތައް ވެސް އިއްވާފައި ވެއެވެ. އެގޮތުން އުމުރަށް ޖަލަށް ލުމާއި 10 އަހަރަށް ޖަލަށް ލުން ފަދަ ހުކުމްތައް ވަނީ ކޮށްފައެވެ.
ފަލަސްތީނުގެ ކުޑަކުދިންނަށް ބައިނަލް އަގުވާމީ ގޮތުން ހިމާޔަތް ހޯދައިދިނުމަށް މަސައްކަތް ކޮށްދޭން ޕީޕީއެސް އިން ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ގޮވާލާފައެވެ. އިޒްރޭލުން ފަލަސްތީނުގެ ގިނަ އަދަދެއްގެ ކުޑަކުދިން ވަގަށް ނަގައި ބަންދުކޮށްގެން އުޅޭ އިރު އދ އިން އެކަމާ ބަހެއް ނުބުނެއެވެ.