ހަބަރު

ފުލޫ ޓާސްކް ފޯސް މަޖިލީހަށް ހާޒިރުވާން އަނެއްކާވެސް އަންގައިފި

ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާ، އެޗް1އެން1ގެ ކަންކަން ބަލާ ފްލޫ ޓާސްކް ފޯސްއަށް ރައްޔިތުން މަޖިލީހުގެ ސަރުކާރު މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުވާން އަނެއްކާ ވެސް އަންގައިފި އެވެ.

ފްލޫ ޓާސްކް ފޯސް އެންމެ ފުރަތަމަ މަޖިލީހުގެ ސަރުކާރު މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކުރުމަށް ހުށައެޅީ މިދިޔަ ހަފްތާ ތެރޭގަ އެވެ. އެހެން ނަމަވެސް ހާޒިރުވާން ދަތިވާ ކަމަށް ބުނެ، އެ ޓާސްކް ފޯސްއިން ކޮމިޝަނަށް ހާޒިރުވެފައެއް ނުވެ އެވެ.

މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ވަނީ އަލުން ފުލޫ ޓާސްކް ފޯސް މަޖިލީހަށް ހާޒިރު ކުރުމަށް ހުށައަޅާފަ އެވެ.

"ފްލޫގެ ޓެކުނިކަލް ކޮމެޓީ އާ ބައްދަލު ކުރަންއޮތް ބައްދަލުވުން ކެންސަލުވެ މިމަހުގެ ދެވަނަ ދުވަހު އަލުން ސުކޫލުތަށް ހުޅުވި ކަންބޮޑު ވާތީ އެކަމާ ގުޅެގޮތުން ގޮތެއް ނިންމަވަން. އެހެން ކަމުން މިއަދުގެ އެހެން ވަގުތެއްގައި ނަމަވެސް ޓެކޮނިކަލް ކޮމެޓީ ހާޒިރު ކޮށްދެއްވުން އެދެން" ޖައުފަރު ވިދާޅުވި އެވެ.

މެންބަރު ޖައުފަރު ދާއޫދު ހުށައެޅި ހުށައެޅުމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ތާއީދު ކުރައްވާފަ އެވެ. ރޮޒެއިނާ ވިދާޅުވީ ކުރީގެ ކޮމެޓީ ކެންސަލް ކުރުމަށް ފަހު އިތުރު ބައްދަލުވުމެއް ނުބޭއްވި މިމަހުގެ ދެވަނަ ދުވަހު ސުކޫލުތަށް ހޮޅުވުނު އިރު ފޫލޫ އާ ބެހޭ އިތުރު މައުލޫމާތު ލިބިފައި ނެތުމުން އެކަންކަން ސާފު ކުރުމަށް އެބޭފުޅުން އަވަހަށް ކޮމެޓީއަށް ހާޒިރު ކުރުމަށެވެ.

ނަމަވެސް މިކަމަށް ޕީޕީއެމްގެ ދެ މެންބަރުން ވަނީ ދެކޮޅު ހަދާފަ އެވެ. އައްޑޫ، ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ ފްލޫ އާ ބެހޭ ކަންކަމުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކުން ހިއްސާކުރަމުން ދާ ކަމަށާއި މިހާރު ފުލޫ ކޮންޓްރޯލު ވެފައިވުމުން އިތުރަށް ފްލޫ ޓާސްކް ފޯސް ކޮމެޓީއަށް ހާޒިރު ކުރިން ނުފެންނަ ކަމަށެވެ. އަދި ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު ވެސް ވަނީ ފްލޫ ޓާސްކް ފޯސް ކޮމެޓީއަށް ހާޒިރު ކޮށްގެން އެމީހުންގެ ވަގުތު އިތުރަށް ބޭކާރު ނުކޮށް ކޮމެޓީއަށް އެމީހުން ހާޒިރު ކުރަން ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މެންބަރު ޖައުފަރު ހުށައެޅި ހުށައެޅުމަށް އިއުތިރާޒް ކުރާ އިތުރު މެންބަރަކު ނެތުމުން ސަރުކާރުގެ މައްސޫލިއްތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވަނީ ފްލޫ ޓާސްކް ފޯސް މިރޭ 8:30 އަށް އަލުން ކޮމެޓީ އަށް ހާޒިރު ކުރުމަށް ނިންމަވާފަ އެވެ.