ވިޔަފާރި

އެއާ ފްރާންސާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރަން ފަށަނީ

  • ދަތުރު ފަށަނީ ނޮވެމްބަރު މަހު
  • ޔޫރަޕު ޓޫރިސްޓުން އިތުރު ވާނެ
  • ގުޅިގެން ރާއްޖެ އިޝްތިހާރު ކުރާނެ

މި އަހަރުގެ ނޮވެބަރު މަހު ރާއްޖެއަށް ސީދާ ދަތުރު ފަށާ، އެއާ ފްރާންސާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަޝްވަރާތައް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަށައިފި އެވެ.

އެއާ ފްރާންސާއެކު ފެށި މަޝްވަރާތަކާ ބެހޭ ގޮތުން އެމްއެމްޕީއާރުސީގެ އެކްޓިން އެމްޑީ، ހާރިސް މުހައްމަދު "އަވަސް" އަށް ވިދާޅުވީ ޔޫރަޕުން ސީދާ ދަތުރު ފަށާ އެއާލައިންނާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށާއި މީގެ މައިގަނޑު ބޭނުމަކީ ދެ ފަރާތް ގުޅިގެން ރާއްޖެ އިޝްތިހާރު ކުރާނެ ގޮތެއް ހޯދުން ކަމަށެވެ.

"މަޝްވަރާތައް އަދި މި ފެށީ. އަދި ކުރިއަށް ވަރަށް ބައިވަރު ބައްދަލުވުންތައް އޮންނާނެ،" ހާރިސް ވިދާޅުވި އެވެ.

ފްރާންސްގެ ގައުމީ އެއާލައިން 'އެއާ ފްރާންސް' އިން ސީދާ ރާއްޖެއަށް ދަތުރުތައް ރާއްޖެއަށް ފަށާކަން އެއާލައިނުން އިއުލާނުކޮށްފައިވަނީ މީގެ ދެ މަސް ކުރިންނެވެ.

އެއާފްރާންސްގެ އޮފިޝަލުންނާ ހަވާލާދީ "އޭވިއޭޝަން ޓްރައިބިއުން" ނޫހުން ބުނީ ހަފުތާއަކު ދެ ދަތުރު ކުރާ ގޮތަށް އެ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފަށާނީ މިއަހަރުގެ ނޮވެމްބަރު މަހު ކަމަށެވެ. އެގޮތުން ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހާއި ބުދަ ދުވަހު ދަތުރުތައް ބާއްވަން ވަނީ ނިންމައިފަ އެވެ. އަދި ޕެރިހުން ރާއްޖެއަށް ދަތުރުކުރާނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހު އެވެ.

އެއާފްރާންސްގެ ސީއީއޯ ފްރޭންކް ޓާނާ ވިދާޅުވެފައި ވަނީ އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ މަގުބޫލު މަންޒިލް ތަކަށް ދަތުރު ކުރުމުގައި އެ އެއާލައިންގެ މަގާމު އިތުރަށް ވަރުގަދަ ކޮށްދޭނެ ކަމެއް ކަމަށެވެ. އެއާ ފްރާންސަކީ ޔޫރަޕްގެ ގައުމުތަކުން އިންޑިއާ ކަނޑުގެ ގައުމުތަކަށް ދަތުރުކު ކުރުމުގައި މިހާރުވެސް ލީޑް ކުރަމުން އަންނަ އެއާލައިނެކެވެ.

އެމްއެމްޕީއާރުސީގެ އެކްޓިން އެމްޑީ ހާރިސް ވިދާޅުވީ އެއާ ފްރާންސުން ރާއްޖެއާ ދެމެދު ދަތުރުތައް ފެށުމަކީ ރާއްޖޭގެ ޓޫރިޒަމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މިހާރު ޔޫރަޕުން ސީދާ ފްލައިޓެއް ނެތް. މި ދަތުރުތަކުގެ ސަބަބުން ޔޫރަޕުން އަންނަ ޓޫރިސްޓުންނަށް 10 ގަޑިއިރުގެ ފްލައިޓަކަށްފަހު ރާއްޖެ އާދެވޭނެ. ނަމަވެސް މިހާރު މި އާދެވެނީ 15 ނޫނީ 16 ގަޑިއިރު. އެހެންވެ މީގެ ފައިދާ ބޮޑުވާނެ،" ހާރިސް ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އީޔޫގެ ގައުމަކުން ސީދާ ދަތުރުތައް ފެށުމަކީ ޔޫރަޕު ޓޫރިސްޓުންވެސް އިތުރުވާނެ ކަމެއް ކަމަށެވެ.

"މި ދަތުރުތަކުން ސިގްނިފިކެންޓް ބަދަލެއް ފެނިގެންދާނެ. މީގެން މައިގަނޑު ގޮތެއްގައި ޓޫރިޒަމަށް ފައިދާ ކުރާނެ،" ހާރިސް ވިދާޅުވި އެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގެ ޗާލްސް ޑި ގާލީ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަށާ ދަތުރުތަކުގައި އެއާ ފްރާންސުން ބޭނުންކުރާނީ ބޯއިން 777 މަރުކާގެ 312 މީހުންގެ ޖާގައިގެ ތިން މަތިންދާބޯޓެވެ. އެ ބޯޓްތަކުގައި ހުންނާނީ ބިޒްނަސް ކްލާހުގެ 28 ޖާގައާއި ޕްރެމިއަމް އިކޮނޮމީ ކްލާހުގެ 24 ޖާގަ އާއި އިކޮނޮމީ ކްލާހުގެ 260 ޖާގަ އެވެ.

ރާއްޖެ އާއި ފްރާންސާ ދެމެދު މިހާރު ސީދާ ދަތުރު ތަކެއް ނޯވެ އެވެ. އެ ގައުމުން އަންނަ ޓޫރިސްޓުން ރާއްޖެ އަންނަނީ އެމިރެޓްސް، ގަތަރު އަދި ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް ޓްރާސިޓްކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފްރާންސުން މި އަހަރުގެ މިހާތަނަށް 11،653 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ޒިޔާރަތް ކުރީ 11،626 ޓޫރިސްޓުންނެވެ. މިއީ 0.2 ޕަސެންޓުގެ ކުރިއެރުމެކެވެ.