އެމްއެމްއޭ

ބޭނުންކުރެވޭ ރިޒާވް ހަ ޕަސެންޓް އިތުރުވެއްޖެ

Apr 5, 2017
1
  • ޔޫޒަބަލް ރިޒާވްއަކީ 213 މިލިއަން ޑޮލަރު
  • ރަސްމީ ރިޒާވްއަކީ 516 މިލިއަން ޑޮލަރު
  • ރިޒާވް އިތުރުވިއިރު، ގިނަ މަޝްރޫއުތަކެއް ކުރިއަށް

ރާއްޖޭގެ ރަސްމީ ރިޒާވްގައި ހިމެނޭ ބޭނުން ކުރެވޭ "ޔޫޒަބަލް" ރިޒާވް މިދިޔަ މަހު ހަ ޕަސެންޓް އިތުރުވެ، ރާއްޖޭގެ ޖުމްލަ ރިޒާވް 16 ޕަސެންޓް އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭގެ އިގްތިސޯދީ ރިވިއުގައިވާ ގޮތުން ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ހުރީ 213.3 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަހު ހުރީ 201.5 މިލިއަން ޑޮލަރެވެ. ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުންނަ ފައިސާއަކީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް އަދި ތެޔޮ ފަދަ ތަކެތި އެތެރެ ކުރުމަށް ދައުލަތުގެ މާލިއްޔަތުގައި ރައްކާކޮށްގައި ހުންނަ ބޭރު ފައިސާ އެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވްގެ ގޮތުގައި ހުރީ 516.8 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަހު ރަސްމީ ރިޒާވްގެ ގޮތުގައި ހުރީ 476.1 މިލިއަން ޑޮލަރެވެ. މިއީ 16 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖޭގެ ރިޒާވް އިތުރު ވެގެން ގޮސްފައިވާއިރު، ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. މީގެ އިތުރުން އިންޑިއާގެ ޖީއެމްއާރަށް ފައިސާ ދައްކަން ބޮންޑް ގަނެފައިވަނީ ވެސް މި ފައިސާއިންނެވެ. ނަމަވެސް އެ ފައިސާ ދަނީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީއިން ދައްކަންމުންނެވެ.