ހަބަރު

އާންމުންއަށް އެޗް1އެން1 ވެކްސިން ދޭން ފަށަނީ

  • ވެކްސިން އެތެރެ ކުރަން ހުޅުވާލަން ވެސް ވަނީ ނިންމާފައި
  • ކިޔޫގައި ނުޖެހި ވެކްސިން ޖެހޭނެ އިންތިޒާމްތައް ހަމަޖައްސާނެ
  • މުޅި އަހަރަށް ވެކްސިން ޕްރޮގްރާމް ގެންދާނެ

އިންފްލުއެންޒާއިން ދިފާއުވުމަށް ދޭ ވެކްސިން އާންމުނަށް އަންނަ އާދިއްތަ ދުވަހުން ކުރިއަށް ގެންދާނެ ކަމަށް ހެލްތް މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާ، އެޗް1އެން1ގެ ކަންކަން ބަލާ ފްލޫ ޓާސްކް ފޯސްއަށް ރައްޔިތުން މަޖިލީހުގެ ސަރުކާރު މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ހާޒިރުކޮށް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތް ސާވިސް ޑޮކްޓަރު ޝީޒާ އަލީ ވިދާޅުވީ މީގެ ކުރިން އެޗް1އެން1 ވެކްސިން ދިނުން އާންމުކޮށް ހުޅުވާލެވިފައި ނުވާނެ ކަމަށާއި މިފަހަރު މި ހުޅުވާލަނީ މުޅިން އަލަށް ކަމަށެވެ.

ޝީޒާ އިތުރަށް ވިދާޅުވީ ޝަރުތުތަށް ހަމަވާ ކްލިނިކް ތަކާއި ފާމަސީ ތަކުން ވެކްސިން އެތެރެކޮށް ވިއްކުމުގެ ހުއްދަ ދޭން އިންފްލުއެންޒާ ފުލޫ ކޮމެޓީއިން ނިންމާވާފައިވާ ކަމަށެވެ. އަދި ކިޔުގައި ޖެހިގެން ވެކްސިން ޖެހުމުގެ ކަންކަން ހައްލުކޮށް އެކަހަލަ ކަމެއް ކުރިއަށް އޮތްތާނުގައި ތަކުރާރު ނުވާނެހެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

"ވަކި މުއްދަތެއްނެތި މުޅި އަހަރަށް ބަހާލައިގެން އިންފްލުއެންޒާ ވެކްސިން ޖެހުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި،" ޝީޒާ ވިދާޅުވި އެވެ.

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަމީލާ ވިދާޅުވީ އިންފްލުއެންޒާ ބަލި ދެނެ ގަންނާނެ ގޮތްތަކާއި އެބަލިން ރައްކާތެރިވުށް ކުރެވިދާނެ ކަންކަމާ މެދު ހޭލުން ތެރިކަން އިތުރު ކުރުމުގެ ގޮތުން ސުކޫލް ތަކުގެ ބެލެނިވެރިނަށް އަމާޒުކޮށްގެން ޕްރޮގުރާމް ތަކެއް ހިންގުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށާއި ވަރަށް އަވަހަށް އެކަން ކުރަން ފެށިގެން ދާނެ ކަަމަށެވެ.