ލައިފްސްޓައިލް

ޑިޕްރެޝަންއާ ބެހޭގޮތުން ވާހަކަ ދައްކަމާ

ދުނިޔޭގެ އާބާދީގެ ކޮންމެ ހަތަރު މީހަކުން އެކަކީ، "ޑިޕްރެޝަން"، ނުވަތަ "ނަފްސާނީ ބަލިމަޑުކަމެއް" ތަހައްމަލު ކުރަމުންދާ މީހެކެވެ. އާބާދީގެ 300 މިލިއަން މީހުން، އެކި އުމުރު ފުރާ ތަކުން، ޑިޕްރެޝަންގެ ކޮންމެ ވެސް މިންވަރެއް ތަހައްމަލު ކުރަމުން ދެއެވެ. މިއީ، ދުނިޔޭގެ އާބާދީގެ ފަހެއް އިންސައްތަ މީހުންނެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން، އާންމު ގޮތެއްގައި ޑިޕްރެޝަން ދިމާވަނީ، 15 އަހަރާ 29 އަހަރާ ދެމެދުގެ މީހުންނެވެ. ޑިޕްރެޝަން ހުންނަ މީހުންގެ ނިސްބަތަށް ބަލާއިރު، ފިރިހުންނަށް ވުރެ ގިނައީ އަންހެނުން ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަހަރެމެންގެ މި ކުޑަ ކުޑަ ދިވެހިރާއްޖެއަށް ބެލި ކަމުގައި ވީނަމަވެސް، ރާއްޖޭގެ ކޮންމެ 10 މީހަކުން އެކަކީ ޑިޕްރެޝަން ހުންނަ މީހެކެވެ. ރާއްޖޭގެ އާބާދީގެ ނިސްބަތުން މިއީ ގިނަ އަދަދެއް ނަމަވެސް، މި ބައްޔަށް ފަރުވާ ހޯދާ މީހުން، މި ބަލި ހުންނަ މީހުންގެ ޖުމްލަ އަދަދާ ބަލާއިރު ވަރަށް މަދެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކޮށްފައިވާ ދިރާސާއެއް ބުނާ ގޮތުން، ޑިޕްރެޝަންގެ ސަބަބުން އަމިއްލައަށް މަރުވާ މީހުންގެ އަދަދު އަހަރެއްގެ މައްޗަށް 800000 ގާތްކުރެ އެވެ. އަދި އަމިއްލައަށް މަރުވުމަކީ، 15 އަހަރާ 29 އަހަރާ ދެމެދުގެ މީހުން މަރުވުމަށް ދިމާވާ އެންމެ މައިގަނޑު ދެވަނަ ސަބަބު ވެސް މެއެވެ.

ޑިޕްރެޝަން އަކީ ކޮބާ؟

ސިއްހީ މާހިރުން ތައާރަފް ކުރާ ގޮތުގައި، ޑިޕްރެޝަންއަކީ، މީހާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ، ހިތާމަތަކާ ކުރިމަތި ކުރުވާ، ކަންކަން ކުރާ ހިތް ކަނޑުވާލާ ނަފްސާނީ ބަލިމަޑު ކަމެކެވެ. އަދި އެކަމުގެ ސަބަބުން، އެމީހާގެ އިހުސާސްތަކާއި، ވިސްނުމާ، އުޅުމަށް ބޮޑެތި އަސަރުތަކެއް ކުރުވާ، މީހާގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމެއް ވެސް މެއެވެ. އެމީހާ ކުރަން ހުންނަ ކަންކަން ކުރާ ހިތް ނުވުމާ، ކާހިތްނުވުމާ، ކަންކަމާ ދެރަވެފައި ހުރުމާ، މާއަވަހަށް ރުޅިގަދަވުން ފަދަ ކަންކަމަކީ، މި ބަލި މަޑުކަމުގައި އުޅޭ މީހުންނާއި ދިމާވާނެ ކަންކަމެވެ. އަދި އޭގެ ސަބަބުން، ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން ތަފާތު މައްސަލަތަކާއި ކުރިމަތިވުން ވެސް އެކަށީގެން ވެއެވެ.

ޑިޕްރެޝަންއަކީ، ދިގު މުއްދަތަކަށް ދެމިގެންދާ ނަފްސާނީ ބައްޔެކެވެ. މިބަލީގެ މީހުންނަކީ، ދިގު ޒަމާންތަކެއް ވަންދެން ކަންކަމާ ދެރަވެ، ވޭން ތަހައްމަލު ކުރަމުންދާ ބައެކެވެ. ކުދިކުދި ކަންތަކުގެ ސަބަބުން ކުރިމަތިވާ ހިތާމަތަކާ ހިލާފަށް ޑިޕްރެޝަންއަކީ، ދިގު މުއްދަތެއް ވަންދެން ފަރުވާ ކުރަންޖެހޭ ބައްޔެކެވެ.

ޑިޕްރެޝަންއަށް މަގުފަހިވާ ކަންކަމަކީ ކޮބާ؟

ޑިޕްރެޝަންއަކީ، އާންމު ގޮތެއްގައި ކޮންމެ ވެސް ކަމަކާ ގުޅިގެން އެމީހާގެ ދިރިއުޅުމަށް އަންނަ ބަދަލުތަކެކެވެ. އެކަމަކީ، އެމިހަކާ ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން ކުރިމަތިވާ ކަމެއް ކަމަށް ވެސް ވެދާނެ އެވެ. އާންމު ގޮތެއްގައި ޑިޕްރެޝަންއަށް މަގުފަހިވާ ކަންކަމަކީ، މީހުންގެ މަލާމާތާއި ފުރައްސާރަ ރައްދުވުމާއި، ތަފާތު ކުރުންތަކާއި ކުރިމަތިވުމާއި، ހަޔާތުގައި ދިމާވާ ބޮޑު ހިތާމައެއްގެ ސަބަބުން މީހާ މާޔޫސްވެ މާބޮޑަށް ދެރަވުމާއި، ބުރަ ބޮޑު ވުމުގެ ސަބަބުން ކަންކަން ނުކުރެވޭނެ އޭ އަމިއްލަ ނަފްސަށް ހީވުމާއި، މަންމަ ނުވަތަ ބައްޕަ، ނުވަތަ ދެމީހުންގެ ފުށުން ވާރުތަވުމާއި، ބޮޑު ބައްޔެއް ޖެހުމުގެ ސަބަބުން އެކަމާ މާ ބޮޑަށް ވިސްނުމުގެ ސަބަބުން ބޯހާސް ވުމެވެ. މިއިން ކޮންމެ ކަމަކީ ވެސް ކުޑަކުޑަ ކަމެއްގެ ގޮތުގައި ހީވި ނަމަވެސް ވަރަށް ބޮޑު ކަންތައްތަކާ ކުރިމަތިވުމަށް މަގު ފަހިވާ ކަމެއްކަން އެނގެނީ، ގިނަފަހަރު ކައިރީގައި އުޅޭ މީހަކަށް މިފަދަ ކަމެއް ދިމާވުމުންނެވެ. މިއީ އާންމު ގޮތެއްގައި ޑިޕްރެޝަންއަށް މަގުފަހިވާ ކަންކަން ކަމުގައި ވީނަމަވެސް، މި ނޫން އެތައް އިތުރު ގޮތަކުން ވެސް ޑިޕްރެޝަންއަށް މަގުފަހިވުމަކީ އެކަށީގެންވާ ކަމެކެވެ.

ޑިޕްރެޝަން ދެނެގަންނާނި ކިހިނެއް؟

ކޮންމެ މީހަކީ ވެސް ތަފާތު މިހަކަށް ވާއިރު، ދިރިއުޅުމުގައި ދިމާވާ ކަންކަން ބޭރުފުށުން އެހެން މީހުންނަށް އަންގަން ބޭނުން ނުވާ މީހުންނާ، ކަންކަން ފޮރުވުމުގައި އެހާ ކާމިޔާބު ނޫން މީހުން އުޅޭނެ އެވެ. ބޭރުފުށުން އަބަދުވެސް ހިނިތުން ވުމަކާ އެކު މަޖަލުގައި ވާ މީހާއަކީ، އެމީހާގެ ދިރިއުޅުމުގައި އުނދަގޫތަކާ ކުރިމަތިލާ، ވޭންތައް ތަހައްމަލު ކުރަން ނުޖެހޭ މީހެކޭ ހީވެފައި އޮންނަ ހީވުމަކީ، ވަރަށް ބޮޑު ކުށްހީއެކެވެ. ކޮންމެ މީހަކީ ވެސް އެމީހެއްގެ ދިރިއުޅުމުގެ ކޮންމެ ވެސް ހިސާބެއްގައި ކޮންމެ ވެސް މިންވަރެއްގެ ހާސް ކަމަކާއި، މާޔޫސް ވުމަކާ ކުރިމަތި ވެފައި ވާނެ މީހެއްކަން ކަށަވަރެވެ. ޑިޕްރެޝަންއަކީ، އާދައިގެ ދެރަވުމާ، މާޔޫސްވުމާ ވަރަށް ތަފާތު ކަމެއް ނަމަވެސް، ދިރިއުޅުމުގައި ދިމާވާ ދެރަވާ ކަމެއް ގިނަ ދުވަހަށް ދިގުލާ ދިއުމުގެ ސަބަބުން ޑިޕްރެޝަންއަށް މަގުފަހިވާ ފަހަރު ވެސް އާދެއެވެ. މިއީ، ބޮޑު ބަލިމަޑުކަމެއް ނަމަވެސް، ފަރުވާ ދެވިއްޖެނަމަ އެކަމުން ސަލާމަތްވެ، އެމިހާއަކީ ވެސް، މުޖުތަމައުގެ އެހެން މީހުންނެކޭ ވެސް އެއްފަދައިން އުޅެވިދާނެ މީހެއްގެ ގޮތުގައި ހެދިދާނެ މީހެކެވެ. ނަމަވެސް، ޑިޕްރެޝަންއަށް ފަރުވާ ހޯދުމަށްޓަކައި މި ބަލި ދެނެގަތުން މުހިންމެވެ.

އެމީހެއްގެ އުޅުމަށް އެއްވެސް ނޭދެވޭ ބަދަލެއް އައިއްސަވާނަމަ އެމިހަކާ ކޮންމެސް ކަމެއް ދިވާވެގެން އުޅޭކަން އެއި ޔަގީން ކަމެކެވެ. ނުވަތަ އެމީހެއް އާންމު ދިރުއުޅުމާ ހިލާފަށް ކަންތައްކުރާނަމަ، މިސާލަކަށް ވަރަށް ގިނައިން ކާ މީހަކަު ކުއްލިޔަކަށް ނުކެއުމާއި، އާންމުކޮށް ނުކާ މީހަކަު ގިނައިން ކާން ފެށުންފަދަ ކަންކަން ވެސް ފާހަގަ ކުރެވިދާނެ އެވެ. މީގެ އިތުރުން، ކަންކަމާ މާބޮޑަށް ދެރަވެފަ ހުރުމާއި، ވަރުބަލިވުމާއި، ކަންކަމާ މާ އަވަހަށް ހާސް ވުމާއި، ހަނދާންނެތުމާއި، ކަންކަމަށްދޭ ޝައުގުވެރިކަން ފަދަ ކަންކަމަކީ ވެސް ޑިޕްރެސްވެފައިވާ މީހަކަށް ދިމާވެދާނެ ކަންކަމެވެ. އާންމު ގޮތެއްގައި މީހާގެ ކިބައިން ނުފެންނަ ކަމެއް ފެނިއްޖެނަމަ އެމިހަކާ ވާހަކަ ދައްކައި، އޮޅުން ފިލުވަން މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން އެމިހެއްގެ އާއިލާގެ ގާތް މީހެއް ނުވަތަ ބަޔަކު ޑިޕްރެޝަން ހުރެއްޖެނަމަ، އެމީހަކު ވެސް ޑިޕްރެޝަންއަށް މަގުފަހި ވުމަކީ ގާތްކަމެކެވެ.

ޑިޕްރެޝަންއަށް ދެވޭނެ ފަރުވާއެއް ވޭތަ؟

ކޮންމެ ބައްޔަކީ ވެސް އެ ބައްޔަށް ކޮންމެ ވެސް ފަރުވާ އެއް ވާނެ ބައްޔެކެވެ. ޑިޕްރެޝަންއަކީ ވެސް މަސައްކަތް ކޮށްފިނަމަ ފަރުވާ ކުރެވިދާނެ ބައްޔެކެވެ. ޑިޕްރެޝަންއަށް ފަރުވާ ކުރުމަށް ދިގު މުއްދަތެއް ނެގި ނަމަވެސް، ފަރުވާ ކުރެވިއްޖެ ނަމަ، އެމިހަކީ ވެސް މުޖުތަމައުގެ އެހެން މިހުންނެކޭ އެއްފަދަ މީހަކަށް އަނބުރާ ހެދިދާނެ އެވެ.

ޑިޕްރެޝަން ތަހައްމަލު ކުރާ މީހުންނަށް ދެވޭނެ އެއް ފަރުވާ އަކީ، އެކަމާ ބެހޭގޮތުން މައުލޫމާތު ދީ، ވާހަކަ ދެއްކުމެވެ. ނަފްސާނީ ބަލިތަކަށ ހާއްސަ ޑޮކްޓަރެއްގެ އެހިއާއި ލަފާ ހޯދުމާއި، ބަލި ބޮޑު ވެފައިވާ ހާލަތްތަކުގައި ބޭސް ކެެއުމެވެ. ޑިޕްރެޝަން ޖެހިފައިވާ މީހުން އެކަހެރިކޮށްލުމަކި، އެމީހުންގެ ބަލި ބޮޑު ވުމަށް ދެވޭ އިތުރު ފުރުސަތެކެވެ. އެހެންކަމުން، އެމީހުން ވީހާވެސް ގާތްކޮށް އެކަހެރިކޮށް ބާކީކޮށްނުލައިި، އެމީހުންނަކީ ވެސ މުޖުތަމައުގެ މީހުންގެ ގޮތުގައި ބަލައިގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް ހަތް ވަނަ ދުވަސް، ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައި ފާހަގަ ކުރާއިރު، ދުނިޔޭގެ ސިއްހަތުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ، "ލެޓްސް ޓޯކް ޑިޕްރެޝަން" އެވެ. މި ދުވަހާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ޑިޕްރެޝަންއާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރު ކުރުވުމުގެ ގޮތުން، އެއް އަހަރު ދުވަހުގެ ކެމްޕޭނެއް މިއަދު ފަށާފަ އެވެ.