ދިވެހި ސިނަމާ

"ބޮސް" ބޮއްސުން ލައިގެން ނުދޭ، ޖޫންގައި ޝޫޓިން ފަށާނެ

އަހަރުތަކެއް މެދު ކެނޑުމަކަށް ފަހު ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ އައީ ބިރުވެރި 4426 އާ އެކުގަ އެވެ. އެއާ ފަހު ފިލްމު "ބީ" އިއުލާނު ކުރީ އެވެ. އެއަށްފަހު ނަހުލާ އަތުން ފިލްމު ގެއްލި އެތައް ސަކަރާތަކާއި ޑްރާމާ ގަނޑަކަށްފަހު ނަހުލާއަށް އަލުން ފިލްމު ލިބުނީ އެވެ. އެއަށްފަހު ދެން ލިބުނު ހަބަރަކީ "ބީ" ފަހަށް ބޭއްވި ހަބަރެވެ. އާ ފިލްމެއް ނަހުލާ އިއުލާނު ކުރީ އެވެ.

މިފަހަރު "ބޮސް" އެވެ. ފިލްމު އަޅުވާނެ ވަކި ތާރީހެއް ނަހުލާ ނުދެ އެވެ. އެކަމަކު އޭގެފަހުން "ބޮސް" ގެ ހަބަރެއް ނުވެ އެވެ. ފެބްރުއަރޯ މަހު ޝޫޓިން ފަށާއި މާޗް މަހުގައި ޝޫޓިން ނިންމާލާނެ ކަމަށް ކުރިން ބުނި ނަމަވެސް އެއްވެސް ހަބަރެއް ނުވާތީ "ބޮސް" ބޮއްސުން ލައިގެން ދިޔައީތޯ ސުވާލު އުފައްދާ މީހުންނަށް ނަހުލާ ޖަވާބު ދީފި އެވެ.

ބޮސްގެ މަސައްކަތް އަދި އޮތީ ނުފެށި ނަމަވެސް ޖޫން މަހުގެ ތެރޭގައި ޝޫޓިން ފަށާނެ އެވެ. ދެން އުފެދޭ ސުވާލަކީ ފިލްމުގެ ޑައިރެކްޓަރަކީ ބަތަލާ އައިޝަތު ރިޝްމީ ހެއްޔެވެ؟ އެއީ ރިޝްމީގެ ފިލްމު "ވިޝްކާ"ގެ ޕްރިމިއާ ހަފްލާގައި ނަހުލާ "ބޮސް" ޑައިރެކްޓްކުރަން ރިޝްމީއަށް ދައުވަތު ދީފައިވަތީ އެވެ. އެ ސުވާލުގެ އެންމެ ފުރިހަމަ ޖަވާބެއް އަދި ލިބޭކަށް ނެތެވެ. އަދި އެވާހަކަ މީޑިއާ އާ ހިއްސާ ކުރެވެން ނެތީ އެވެ.

މި ފިލްމުގައި ނަހުލާ "ބޮސް" ސިފަ ކުރަނީ ބޮސް ދިނުމަށެވެ. ހަމައެކަނި ނަމަށް ބަލައިލާފައި ވެސް މިއީ ލޯބީގެ ފިލްމެއްކަން އެބަ އެނގެ އެވެ. ނަހުލާ ބުނަނީ މި ފިލްމު ވަރަށް ރޮމޭންޓިކް ވެފައި އަސަރު ގަދަ ވާނެ ކަމަށެވެ.

މި ފިލްމުގެ ލީޑް ރޯލަށް މަރިޔަމް އައްޒަ ނަގާފައިވާއިރު އައްޒަ އާއެކު ފެނިގެން ދާނީ އާ ތަރި އެކެވެ. އެއީ ކޮން ތަރިއެއްކަން އަދި އޮތީ ސިއްރެއްގެ ގޮތުގަ އެވެ. "ބޮސް" ގެ ބޮޑުބައި ނަގަން ހަމަޖެހިފައިވަނީ ރިސޯޓެއްގަ އެވެ.

ބޮސްގެ މަސައްކަތް ނިންމާލުމަށްފަހު މި އަހަރުގެ ފަހުކޮޅު "ބީ" ގެ މަސައްކަތް ފަށަން ނަހުލާ ވަނީ ނިންމާފަ އެވެ.