ޑިވެލޮޕިންގް

ގާސިމްގެ ބަންދަށް 6 ދުވަސް ޖަހައިފި

Apr 7, 2017
8

ރިޝްވަތު ދޭން އުޅުމާއި ހެކި ނައްތާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ރޭ ހައްޔަރު ކުރި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 6 ދުވަސް ޖަހައިފި އެވެ.

ކްރިމިނަލް ކޯޓް ހުންނަ ސަރަހައްދާއި ޖުމްހޫރީ މައިދާން ހިމެނޭ ގްރީން ޒޯން ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ކުރިއަށް ގެންދިޔަ ގާސިމްގެ ބަންދުގެ ޝަރީއަތުގެ މަޖިލީހުގައި މިއަދުން ފެށިގެން ހަ ދުވަސް ވަންދެން ފުލުހުންގެ ބަންދުގައި ގާސިމް ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ފުލުހުންނަށް ވަނީ ހުއްދަ ދީފަ އެވެ. އެ ޝަރީއަތުގެ މަޖިލިސް ބޭއްވި ވަގުތު ސަލްސާރޯޔަލް ކަންމަތީގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރި އެވެ. އެތަނަށް އެއްވެފައިވާ މީހުންގެ ގަޔަށް ރަޔަޓް ފުލުހުން ޕެޕާ ސްޕްރޭ ޖަހައި އެ ސަރަހައްދުގައި އެއްވެފައި ތިބި މީހުން ވަނީ ވިއްސިވިހާލި ކޮށްލައިފަ އެވެ.

ރޭގެ ވަގުތެއްގައި ގާސިމްގެ ގާނޫނީ ވަކީލުންނާއި ގާސިމްއާ ބައްދަލުކުރުމުގެ ފުރުސަތު ވެސް ފުލުހުން ވަނީ ތަނަވަސްކޮށްދީފަ އެވެ. ޝަރީއަތަށް ފަހު ގާނޫނީ ވަކީލުންގެ ބަހެއް އަދި ނުލިބެ އެވެ. ޝަރީއަތް ނިމުމާ އެކު ގާސިމް ވަނީ ފުލުހުންގެ ލޯންޗްގައި އަލުން ދޫނިދުއަށް ގެންގޮސްފަ އެވެ.

ކޯޓު އަމުރެއްގެ ދަށުން ގާސިމް ރޭ ފުލުހުން ހައްޔަރު ކުރީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ކުޑަތަން ވެފައި ވަނިކޮށް މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވުމާއި މަޖިލީހުގެ ނައިބު ރައީސްގެ ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމާއި ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން ގާސިމް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުގަ އެވެ.

މީގެ އިތުރަށް ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމާއި ގާސިމާ ގުޅިގެން ފުލުހުން ތަހުގީގު ކުރާ މައްސަލަތަކުގެ ހެކި ފޮރުވަން ގާސިމް މަސައްކަތް ކުރާ ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ. އެހެން ނަމަވެސް ގާސިމް އެ ހުރިހާ ތުހުމަތުތައް ވަނީ ދޮގުކޮށްފަ އެވެ.