ވިޔަފާރި

އޮކްސިޖަން ކެފޭ އިން ވެސް މެންދުރު ކެއުމަށް ބުފޭ!

Apr 9, 2017

އޮކްސިޖަން ކެފޭ އެންޑް ރެސްޓޯރެންޓުން މެންދުރު ކެއުމަށް ހާއްސަ ބުފޭއެއް ތައާރަފުކޮށްފި އެވެ.

އޮކްސިޖަން ކެފޭ ހިންގާ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ވިދާޅުވީ މެދުންދުރު ކެއުމަށް ހާއްސަ ބުފޭއެއް ތައާރަފު ކުރީ އަވަދި ނެތިކޮށް އުޅޭ މީހުންނަށް ފަސޭހައިން މެންދުރު ކެއުމަށް އިންސާފު ކޮށްލެވޭނެ މަގު ތަނަވަސް ކޮށްދިނުމަށް ކަމަށެވެ.

"މިހާރު ގިނަ މީހުން މިއުޅެނީ ތާއަބަދު ވެސް ވަރަށް ބިޒީކޮށް. އެހެންވެ މިގޮތަށް ބުފޭ ތައްޔާރު ކުރުމުން ފަސޭހައިން ކާލައިގެން ދެވޭނެ މަގެއް މި ތަނަވަސްވީ. އެހެންވެ މި ތައާރަފު ކުރީ،" ފަޒީލް ވިދާޅުވި އެވެ.

ބޮޑު ތަކުރުފާނު މަގުގައި ހުންނަ، އޮކްސިޖަންގެ ހިތްގައިމު މާހައުލުގައި ތައްޔާރުކޮށްފައިވާ މެންދުރުގެ ބުފޭގެ މެނޫ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ވެސް އޮންނާނެ އެވެ. މިގޮތުން ކޮންމެ ދުވަހެއްގެ ވެސް މެނޫ މުޅިން ތަފާތެވެ. މެންދުރު ބުފޭގެ އަގަކީ ޓެކްސްއާ ނުލައި 89ރ. އެވެ.

ފަޒީލް ވިދާޅުވީ ބުފޭ ތައާރަފު ކުރުމަށްފަހު ކަސްޓަމަރުންގެ ހިޔާލަށް ބަލައި ބަދަލުތައް ގެންނާނެ ކަމަށެވެ.

"މިހާރު މި ތައާރަފު ކުރެވުނީ. ކުރިއަށް އޮތް ތާނގައި ކަސްޓަމަރުންގެ ހިޔާލަށް ބެލުމަށްފަހު ބަދަލުތައް ގެންނާނެ،" ފަޒީލް ވިދާޅުވި އެވެ.

އޮކްސިޖަން ކެފޭއިން މެންދުރަށް ބުފޭ ތައްޔާރު ކުރިއިރު، ހެނދުނުގެ ސަޔަށް ވެސް ވަނީ ބުފޭއެއް ތައާރަފުކޮށްފައިވެ އެވެ. އަދި އޮކްސިޖަންގެ ހިދުމަތް ރަނގަޅު ކުރުމަށް އެއާކޯން ބައެއްގެ އިތުރު ރެސްޓޯރެންޓުގެ ޖާގަވެސް ވަނީ ތަނަވަސްކޮށްފަ އެވެ.