ދުނިޔެ

ބޯޓު ވައްޓާލި ކޯޕައިލެޓް ވަނީ އޭނާގެ ނަން އެންމެންނަށް އެނގޭ ވަރުގެ ކަމެއް ކުރާނެ ކަމަށް ބުނެފައި

Mar 29, 2015

ޖާމަންވިންގްސްގެ މަތިންދާބޯޓް ގަސްދުގައި ވައްޓާލި ކަމަށް ބެލެވޭ އެ ބޯޓުގެ ކޯޕައިލެޓް އެންޑްރިއާސް ލުބިޒް ވަނީ އޭނާގެ ނަން އެންމެންނަށް އެނގޭ ވަރުގެ ކަމެއް ކުރާނެ ކަމަށް ބުނެފައި ކަމަށް އޭނާގެ ލޯބިވެރިޔާ ބުނެފި އެވެ.

ޖަރުމަނުގެ ބިލްޓް ނޫހުން އެންޑްރިއާސްގެ ލޯބިވެރިޔާ މާރިއާއާ ހަވާލާދީ ބުނެފައި ވަނީ ލުބިޒް ވަނީ ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެގެން ފަރުވާ ހޯދާފައި ކަމަށާއި ސިސްޓަމް ބަދަލުކޮށްލަން ބޭނުންވާ ކަމަށް އަބަދުވެސް އޭނާ ބުނާ ކަމަށެވެ.

އުމުރުން 26 އަހަރުގެ ފްލައިޓް އެޓެންޑެއްޓެއް ކަމަށްވާ މާރިއާ ބުނެފައި ވަނީ 150 މީހުންނާ އެކު ބޯޓު ވެއްޓުނު ވާހަކަ އަޑު އިވުމާ އެކު ފުރަތަމަ ވެސް ހަނދާނަށް އައީ އެންޑްރިއާސް ތަކުރާރުކޮށް ބުނާ ޖުމްލައެއް ކަމަށެވެ.

"މުޅި ސިސްޓަމް ބަދަލުވާ ވަރުގެ ކަމެއް އަހަރެން ކޮންމެވެސް ދުވަހަކުން ކުރާނަން. އެކަމުން އަހަރެންގެ ނަން އެންމެންނަށް ވެސް އެނގިގެން ދާނެ" ކަމަށް އެންޑްރިއާސް ތަކުރާރުކޮށް ބުނާ ކަމަށް އޭނާގެ ލޯބިވެރިޔާ ބުންޏެވެ.

މާރިއާ ބުނީ އެންޑްރިއާސް އަބަދު އެ ބުނާ އެއްޗެއްގެ މާނައާ މެދު ކުރިން ވިސްނިފައި ނެތް ކަމަށާއި އެކަމަކު މިހާރު ވަރަށް ސާފުކޮށް އެނގިއްޖެ ކަމަށެވެ.

"އޭނަ އެކަން އެ ކުރީ ލުފްތަންސާގައި ވަޒީފާ އަދާކުރުމުގެ ބޮޑު ހުވަފެނާއި ދިގު ދަތުރުކުރާ ފްލައިޓްތައް ދުއްވުމުގެ ފުރުސަތު އޭނާގެ ބަލީގެ ސަބަބުން ނުލިބޭނެ ކަމަށް ގަބޫލުކުރެވުމުން،" މާރިއާ ބުނެފައިވެ އެވެ.

ލުފްތަންސާ އިން އޮޕަރޭޓްކުރާ ބަޖެޓް އެއާލައިނެއް ކަމަށްވާ ޖާމަންވިންގްސްގެ ބޯޓު ވެއްޓިފައި ވަނީ ޕައިލެޓް ކޮކްޕިޓުން ނިކުތުމުން ދޮރު ތަޅުލުމަށް ފަހު އަދި ޕައިލެޓް ދޮރުގައި ތެޅުމުން ވެސް ނުހުޅުވައި ގަސްދުގައި ބޯޓު ތިރިއަށް ގެންގޮސްގެން ކަމަށް ތަހުގީގަށް ވަނީ ބެލެވިފަ އެވެ. ބޯޓު 38000 ފޫޓް މަތީގައި އޮތުމަށް ފަހު އަށް މިނެޓް ތެރޭ ގޮސް ވަނީ ބިމުގައި ޖެހިފަ އެވެ. ކޮކްޕިޓް ވޮއިސް ރެކޯޑާ އިން އެނގުނު ގޮތުގައި ދޮރު ހުުޅުވާތޯ ދޮރުގައި ތަޅައި ގޮވައި ހެދުމުން ވެސް އެއްވެސް ޖަވާބެއް ނުދީ ކޯޕައިލެޓް ބޯޓު ދުއްވީ ދިމާ ތިރިއަށެވެ. ބޯޓު ގޮސް ބިމުގައި ޖެހެންދެން ވެސް ކޯޕައިލެޓްގެ ނޭވާގެ އަޑު އިވޭތީ ކޯޕައިލެޓް ކޮކްޕިޓް ތެރޭ މަރުވުމުން ބޯޓު ވެއްޓުނީ ނޫން ކަމަށް ބެލެވެ އެވެ.

ތަހުގީގު ޓީމުން ބެލި ބެލުމުން ވަނީ ކޯޕައިލެޓް ބަލިވެ އުޅޭތީ ވަޒީފާ އަށް ނުނިކުތުމަށް ޑޮކްޓަރު ދީފައިވާ ލިޔުންތަކެއް ވެސް ފެނިފަ އެވެ.