ހަބަރު

"މަސީހު މައްސަލަ ސަތޭކަ ފަހަރު ވެއްދިޔަސް ފެއިލް ކޮށްލާނަން"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ސަތޭކަ ފަހަރު ވެއްދި ނަމަވެސް އެކަން ފެއިލް ކޮށްލާނެކަމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ޕުރެސް ކޮންފަރެންސް ގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން އަލުން ވައްދާފައިވާތީ އެކަމަށް ރަށްދު ދެއްވަމުން ނިހާން ވިދާޅުވީ މަސީހުގެ އިތުބާރު ނެތް މައްސަލަ އަށް ރޯލްކޯލް ވޯޓަކުން މަޖިލީހުގެ ސައްހަ ޖަލްސާއެއް ގައި ގަވާއިދާ އެއްގޮތަށް އެ ވޯޓު ފެއިލް ކޮށްލާފަވީ ނަމަވެސް އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ މަސައްކަތްތަށް ހުއްޓުވައި މަޖިލީހުގެ ކަންކަމަށް ބުރޫ އެރުވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށެވެ.

" 100 ޕަސަންޓުން މަސީހުގެ މައްސަލަ ޕީޕީއެމް އާއި އެމްޑީއޭގެ ޖޮއިންޓް ޕާލިއަމްންޓް ގުރޫޕުން ފެއިލް ކޮށްލައި އެކަން ރައްޔިތުންނަަށް ދައްކާނަން" ނިހާން ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ނެގި ވޯޓު ސަރުކާރުން ކާމިޔާބުކޮށްފައި ވަނީ 47 މެންބަރުންގެ ވޯޓާއެކުގަ އެވެ. އަދި އެ ޖަލްސާގައި ކަންތައް ހިނގައި ދިޔަ ގޮތާ މެދު ހިތްހަމަ ނުޖެހިގެން އިދިކޮޅު ފަރާތްތަކުން ވޯޓު ނުދެއްވާ މަޖިލީހުގެ ތަޅުން ދޫކޮށް ދިޔައެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން މަޖިލީހަށް ވައްދާފައިވާ އިރު ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ އަންގާރަ ދުވަހަށް އެޖެންޑާކޮށްފަ އެވެ.