ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މައްޗައް މިހާރު ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަތައް ބާތިލުވާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެންނަން މިއަދު އާންމު ކޮމިޓީ އިން ފާސްކުރި އިސްލާހުތަކަށް ވޯޓަށް އެހުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
މޫސަގެ އިތުބާރު ނެތް މައްސަލައިގެ ޖަލްސާ އަންނަ އަންގާރަ ދުވަހަށް އެޖެންޑާކޮށްފައިވާ އިރު އިދިކޮޅު ފަރާތްތަކުން ވަނީ މަސީހުގެ އިތުބާރު ނެތް މައްސަލަ އަނެއްކާވެސް މިއަދު ވައްދައިފަ އެވެ.
އެކަމާ ގުޅިގެން މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ އާންމު ކޮމިޓީން ބައްދަލުވުމުގައި މަޖިލ؛ީހުގެ ގަވާއިދުގެ 175 ވަމަ މާއްދާއަށް ގެންނަން ފާސްވި އިސްލާހުތަކުގައިވާ ގޮތުގައި މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނީ 42 މެންބަރުންގެ ވޯޓާ އެކުގަ އެވެ. އަދި އެ ގަވާއިދު ފާސްވެ އަމަލު ކުރަން ފެށުމާއެކު މިހާރު ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަތަކަށް ވެސް އެ އުސޫލު ހިނގާނެ ކަމަށް އިސްލާހުގައިވެ އެވެ، އެ އިސްލާހުތައް ފާސްވެއްޖެ ނަމަ މިހާރު ހުށަހެޅިފައި ހުރި އިތުބާރުނެތްކަމުގެ މައްސަލަތައް ބާތިލްވާނެ އެވެ.
އެގޮތުން ގިނަ ދުވަސް ތަކަކަށް ފަހު މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގައި އެޖެންޑާކޮށްފައި ވަނީ އާންމު ކޮމިޓީން ނިންމެވި މައްސަލައަށް ގޮތެއް ނިންމުމެވެ. އެ ނޫން ކަމެއް އެޖެންޑާއަކު ނެތެވެ. މިހާރު މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން 15 މެންބަރުންގެ ސޮޔާ އެކު އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނެ އެވެ. މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާފައި ވަނީ 32 މެންބަރުންގެ ސޮޔާ އެކު އެވެ.
ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު މިއަދު ވިދާޅުވި ގޮތުގައި އިތުބާރު ނެތް ކަމުގެ މައްސަލަތައް އިރުއިރު ކޮޅާ ހުށަނޭޅޭ ގޮތަށް ވެސް މަޖިލީހުގެ ގަވާއިދު ބަދަލު ކުރާނެ އެވެ. މިހާރު ހުށަހެޅިފައިވާ ރީކޯ މޫސަ އާއި މަސީހުގެ މައްސަލަވެސް ބޭއްވިޔަކަ ނުދޭޏެ ކަމަށް ވެސް ނިހާން ވަނީ ވިދާޅުވެފަ އެވެ.