ހަބަރު

42 ސޮއި ހޯދާކަށް މަޖުބޫރެއް ނުކުރެވޭނެ: ކޯލިޝަން

ރައްޔިތުން މަޖިލީހުގެ ރައީސާއި ނައިބް ރައީސްގެ އިތުބާރު ނެތް މައްސަލަ ހުށައެޅުމަށް 42 މެންބަރުންގެ ސޮއި މަަޖުބޫރު ކޮށްގެން ނުހޯދޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.

ރައްޔިތުން މަޖިލީހުގެ އާންމު ކޮމެޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ހުށައެޅުމަށް ރައްޔިތުން މަޖިލީހުގެ 42 މެންބަރުންގެ ސޮއި ބޭނުންވާ ގޮތަށް އިސްލާހު ބަދަލު ކުރުމަށް އެ ކޮމެޓީއިން މިއަދު ވަނީ ފާސް ކޮށްފަ އެވެ. މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގައި މިހާރު ބުނެފައި ވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅޭނީ މަދުވެގެން 15 މެމްބަރުންގެ ސޮއި އާ އެކު ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަަވަމުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރަން ގަވާއިދަށް ގެންނަން އުޅެނީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށެވެ. އެ އިސްލާހަކީ ހުށައެޅިގެން ވާނެ އިސްލާހެއ ނޫން ކަމަށާއި އެކަމަށް ވޯޓަށް ވެސް އެހިގެން ނުވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"ސަރުކާރަށް ތާއިދު ކުރާ މެމްބަރުން މިއަދު އާންމު ކޮމެޓީގެ ބައްދަލުމެއް ބާއްވާ ފާސްކުރީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް. އެ ނިންމުން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރެވިގެން ނުވާނެ" އެބޫ ވިދާޅުވި އެވެ.

އިބޫ އިތުރަށް ވިދާޅުޥީ ރާއްޖޭގެ ހާލަތު މި ދަނީ ހުދުމުހުތާރު ގައުމުތަކުގައި ކަން ހިނގާ އުސޫލަތަކަށް ވުރެވެސް ގޯސްކޮށް ކަަމަށާއި އެ ކަންކަން އިސްލާހު ކުރުމަށް މަޖިލީހުގެ ރިޔާސަތު ބަަދަލު ކުރަންޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މައްސަލަ ހުށަހެޅިފައި ވަނިކޮށް ވަކި ނަތީޖާއެއް ނެރެން ގަވާއިދު ބަދަލެއް ނުކުރެވޭނެ ކަމަށާއި ތަފާތު ގޮތްގޮތަށް އިސްލާހުތަށް ހުށައެޅުއްވި ނަމަވެސް އިތުބާރު ނެތް މައްސަލައަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.

" ރައީސްގެ އިތުބާރު ނެތް މައްސަލަ އަލުން ހުށައެޅީ މަޖިލީހުގެ މަސައްކަތްތަށް ހުއްޓުވާކަށް ނޫން. މި އީ މަޖިލީސް ހަމަމަގަށް އެޅުވުމަށް ކުރެވިގެންދާ މަސައްކަތެއް" ފާރިޝް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކިކުރުމަށް ބޭނުންވާ ޕީޕީއެމްގެ މެންބަރުންނަށް އެ ފުރުސަތު ގެެއްލުވާލުމަށް ހިންގާ އަމަލެއް ކަމަށާއި އެކަމަކީ ސީދާ ހުދުމުހުތާރު ތޮތެއްގައި ނިނމާ ނިންމެވުމެއް ކަަމަށެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މައްޗައް މިހާރު ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަތައް ބާތިލުވާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެންނަން މިއަދު އާންމު ކޮމިޓީ އިން ފާސްކުރި އިސްލާހުތަކަށް ވޯޓަށް އެހުމަށް މާދަމާގެ ޖަލްސާގައި ވަނީ އެޖެންޑާ ކޮށްފަ އެވެ.