ހަބަރު

އިދިކޮޅު ފަރާތްތަކާ އިތުރު މެންބަރަކު ދެން ނުގުޅޭނެ: އަބްދުއްރަހީމް

ސަރުކާރަކަށް ތާއީދު ކުރާ އިތުރު މެމްބަރަކު އިދިކޮޅު ފަރާތްތަކާ ނުގުޅޭނެ ކަމަށާއި އިދިކޮޅު މެމްބަރުން ސަރުކާރާ ގުޅިވަޑައިގަންނަތަން ވަރަށް އަވަހަސް ފެނިގެން ދާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ޕުރެސް ކޮންފަރެންސް ވާހަކަ ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލައިގެ ވޯޓަށްފަހު ބައެއް މެންބަރުން އިދިކޮޅު ފަރާތްތަކާއި ގުޅުނު ނަމަޥެސް ދެން އިތުރަކަށް އެބޭފުޅުންނާއި ގުޅޭނެ މެންބަރެއް ނުހުންނާނެ ކަމަށެވެ.

"ރައީސް ޔާމިނުގެ ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން މިހާރު ތިބީ ވަރަށް ސާބިތު ކަމާއެކު ހޭލާ ތައްޔާރަށް. އިތުރު މެންބަރަކު ދެން އިދިކޮޅު ފަރާތް ތަކަކާ ގުޅިގެން ދާތަން ނުފެންނާނެ" އަބުދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މެންބަރުން ތަކެއް ވަަރަށް އަވަހަށް ސަރުކާރާއި ގުޅިވަޑައިގަންނަން ތައްޔާރަށް ތިބިކަމާށާއި ނަމަވެސް މަސައްކަތުގެ ތަރުތީބުން މެންބަރުންނަށް ޖާގަ ދިނުމުގެ އުސޫލެއް ކުރިއަށް ގެންދާ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ނެގި ވޯޓު ސަރުކާރުން ކާމިޔާބުކޮށްފައި ވަނީ 47 މެންބަރުންގެ ވޯޓާއެކުގަ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުުން ވަނީ މަސީހުގެ އިތުބާރު ނެއް މައްސަލަ 31 މެންބަރެއްގެ ސޮއި އާ އެކު އަލުން ވައްދައި އެކަން ނުހުއްޓާނެ ކަމަށް ވަރަށް ސާފުކޮށް ވިދާޅުވެފަ އެވެ. އަދި މަޖިލީހުގެ ރައީސްކަމުން މަސީހު ދުރުކުރަން ބޭނުންވާ މެންބަރުން ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުނގެ ތެރޭގައި ހިމެނޭ ކަމަށެވެ.