ދިވެހި ސިނަމާ

"ބޮސް" ގެ ޑައިރެކްޓަރަކަށް ރިޝްމީ!

ބަތަލާ އައިޝަތު ރިޝްމީ ޕްރޮޑިއުސް ކުރި ދިވެހި ފިލްމު "ވިޝްކާ" ގެ ޕްރިމިއާ ނައިޓުގައި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ވަނީ އޭނާގެ އާ ފިލްމު "ބޮސް"ގެ ޑައިރެކްޝަނާއި ހަވާލުވުމަށް ރިޝްމީއަށް ދައުވަތު ދީފަ އެވެ. އެ ދައުވަތު ގަބޫލު ކުރިތޯ ނުވަތަ ނުވޭތޯ އެއީ ގިނަ ބައެއްގެ ހިތުގައު އުފެދުނު ސުވާލެކެވެ. އެ ސުވާލުގެ ޖަވާބު މިހާރު ރިޝްމީ ދީފި އެވެ. ބޮސް ޑައިރެކްޓް ކުރަނީ ރިޝްމީ އެވެ.

މިއީ ހަތް އަހަރަށްފަހު ރިޝްމީ ޑައިރެކްޓް ކުރާ ފުރަތަމަ ފީޗާ ފިލްމެވެ. އެންމެ ފަހުން ރިޝްމީ ޑައިރެކްޓްކޮށްފައިވާ ފިލްމަކީ "ފަނާ" އެވެ. އެއީ ޔާރާ ޕްރޮޑަކްޝަންގެ ފިލްމެކެވެ. އެ ފިލްމުގެ މުހިންމު ރޯލަކުން ރިޝްމީ ފެނިގެން ގޮސްފައިވެ އެވެ.

މިއި ނަހުލާ އާއެކު ރިޝްމީ މަސައްކަތް ކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެ ރިޝްމީ ވަނީ ނަހުލާގެ ޑްރާމާ ސިލްސިލާ "ވަކިވުމުގެ ކުރިން" ވެސް ޑައިރެކްޓްކޮށްފަ އެވެ.

އަންނަ ޖޫން މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ "ބޮސް" ގެ ލީޑް ރޯލުން މަރިޔަމް އައްޒަ ފެނިގެންދާއިރު އައްޒަ އާއެކު ލީޑް ރޯލުން ފެނިގެން ދާނީ މުޅިން އާ ތަރި އެކެވެ. މި ފިލްމު އޮލިމްޕަހަށް އަންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި ފިލްމު ޕްރިމިއާ ކުރާނެ އެވެ.

ބޮސްގެ މަސައްކަތް ނިންމާލުމަށްފަހު މި އަހަރުގެ ފަހުކޮޅު "ބީ" ގެ މަސައްކަތް ފަށަން ވަނީ ނިންމާފަ އެވެ.