ހަބަރު

ފަރަށް އެރި ލޯންޗެއްގައި ތިބި 20 މީހުން ސަލާމަތްކޮށްފި

އއ. އަތޮޅުން މީހުން ގޮވައިގެން މާލެއަށް ދަތުރުކުރި ލޯންޗެއް ފަރަން އެރުމުގެ ސަބަބުން އޭގެން ދަތުރު ކުރި މީހުން ސިފައިންގެ ކޯސްޓްގާޑް އިން މިއަދު ސަލާމަތްކޮށްފި އެވެ.

ޖުމްލަ 20 މީހުންނާ އެކު ދަތުރު ކުރި އެ ލޯންޗް އަރާފައި ވަނީ ބަތަލާ ރިސޯޓް ކައިރީގައި އޮންނަ ގިރިއަކަށެވެ. މިއަދު ހެނދުނު 8:15 އެހާކަންހާ އިރު އެ ހާދިސާ ހިނގުމާ އެކު ކޯސްޓްގާޑުން ވަނީ އެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް އެޓެންޑް ކޮށްފަ އެވެ. ސިފައިން ބުނީ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި އެންމެން ވެސް މިހާރު ސަލާމަތުން މާލެ ގެނެސްފައިވާ ކަމަށެވެ. ލޯންޗްގައި މުސްކުޅިންނާއި ކުޑަކުދިން ވެސް ތިއްބެވެ.

އެ އެންމެން މާލެ ގެނައީ އެމްއެންޑީއެފްއިން މިފަހުން ހިދުމަތް ނެރުނު އުޅަނދެއްގަ އެވެ.