ހަބަރު

އިސްލާހުތައް ފާސްވެއްޖެ، މޫސަ އާއި މަސީހުގެ މައްސަލަ ބޭރު

  • އިސްލާހަށް 46 މެންބަރުން ވޯޓު ދެއްވި
  • އިދިކޮޅު މެންބަރުން ވޯޓްގައި ބައިވެރިއެއް ނުވޭ
  • އިތުބާރު ނެތްކަމަށް ހުށަހެޅުމުގެ ފުރުސަތު ހަނިވާނެ

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ އިތުބާރު ނެތް މައްސަލަތަކުގައި 42 މެންބަރުންގެ ސޮއެ ހިމަނަން ޖެހޭ ގޮތަށް ސަރުކާރު ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހުގެ އަގުލަބިއްޔަތުން މިއަދު ފާސްކޮށްފި އެވެ. މި އިސްލާހު ފާސްވުމާއެކު އިދިކޮޅު ފަރާތްތަކުން ހުށަހެޅިފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތް މައްސަލައަށް ވެސް ބާތިލު ވާނެ އެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހުށަހެޅި މި އިސްލާހު ފާސްވީ 46 މެންބަރުންގެ އިއްތިފާގުންނެވެ. އެ ވޯޓުގައި އިދިކޮޅު އެއްވެސް މެންބަރަކު ބައިވެރިއެއް ނުވެ އެވެ. ދެކޮޅަށް ވެސް އެއްވެސް މެންބަރަކު ވޯޓެއް ނުލައްވަ އެވެ.

މަޖިލީހުގެ ގަވާއިދުގައި ކުރިން އޮތް ގޮތުން މަދުވެގެން 15 މެންބަރުންގެ ސޮޔާއެކު އިތުބާރު ނެތް މައްސަލަތައް ހުށަހެޅޭނެ އެވެ. ނަމަވެސް އިއްޔެ ހަވީރުގެ ވަގުތެއްގައި ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ ހ އާއި ށ އިސްލާހުކޮށް އިތުރު މާއްދާއެއް ހިމެނުމަށެވެ. އެގޮތުން އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް 42 މެންބަރުންގެ ސޮއި ހިމެނުމަށާއި މިހާރު ހުށަހެޅިފައި ހުރި އިތުބާރު ނެތް މައްސަލަތަކަށް ވެސް އެ ގަވައިދު ހިނގާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

އެ މައްސަލާގައި ބަހުސް ކުރެއްވި އިދިކޮޅު ފަރާތްތަކުން ވަނީ އެ އިސްލާހަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި ގަވާއިދަށް ބަދަލު ގެނައުމުގެ ކުރިން ހުށަހެޅިފައިވާ ކަންކަމަށް މަޖިލީހުގެ ގަވާއިދު ހިނގާ ގޮތަށް ބަދަލު ގެނައުމަކީ މަޖިލީހުގެ ގަވާއިދު ކިލަނބުވުން ކަމަށް ބައެއް މެންބަރުން ސިފަ ކުރެއްވި އެވެ.

ނަމަވެސް ސަރުކާރު ފަޅީގެ މެންބަރުން ވިދާޅުވި ގޮތުގައި އެފަދަ އިސްލާހެއް ގެނައުން މުހިންމު ވަނީ އިދިކޮޅު ފަރާތްތައް އެއްވެސް ހަމައެއް ނުބަލައި އިރުއިރުކޮޅާ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވައްދައި މަޖިލިސްގެ މަސައްކަތްތައް ހުއްޓުވާތީ ކަމަށެވެ. އަދި އޭގެ ސަބަބުން މަޖިލީހުގައި ދެން ކުރަން ތިބި މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް އެ މެންބަރުން ފާހަގަ ކުރެއްވި އެވެ.