- އަސާސީ ހައްގުތަކަށް އިހުތިރާމް ކުރަން
- މަޝްވަރާތަކުގެ ގޮވާލުން ތަކުރާރު ކުރި
- ޒިންމާދާރު އިދިކޮޅު ހަރަކާތްތަކަށް ފުރުސަތު އޮންނާނެ
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަކީ ސަރުކާރުގެ އެކަނި ޒިންމާއެއް ނޫން ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހާ މެދު ކަންބޮޑުވުން ފާޅުކޮށް ބައެއް ގައުމުތަކުން ނެރުނު ބަޔާންތަކަށް ޖަވާބުދާރީ ވުމުގެ ގޮތުން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް ހުރިހާ ސިޔާސީ ފަރާތްތަކުން ވެސް މުހިއްމު ދައުރެއް އަދާކުރަން ޖެހޭ ކަމަށެވެ.
"މިކަމުގައި ހުރިޔާ ސިޔާސީ ޕާޓީތައް ހިމެނޭ ގޮތުން ސިޔާސީ ހުރިހާ ހަރަކާތްތެރިން ވެސް އަދާކުރަން ޖެހޭ މުހިއްމު ދައުރެއް ވެއެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު އިސް ނަންގަވައިގެން 2015 ވަނަ އަހަރުގެ މޭމަހު ފެށްޓެވި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އިދިކޮޅު ޕާޓީތަކަށް ގޮވައިލުން މިދިޔަ ހަފްތާގައި ވެސް ސަރުކާރުން ތަކުރާރުކޮށްފައިވާކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ރާއްޖޭގެ ބައިނަލް އަގުވާމީ ބައިވެރިން ނެރޭ ބަޔާންތައް ރާއްޖޭގައި އޮތް އަސްލު މައްސަލައަށް ރިއާޔަތްކޮށްގެން، ހަމަހަމަކޮށް ނެރުން މުހިއްމުކަމަށެވެ. އަދި ބުނެފައި ވަނީ އިތުބާރު ކުރެވޭ އިދިކޮޅު ފަރާތްތަކަކީ ޑިމޮކްރަސީއެއްގައި މުހިއްމު ދައުރެއް އަދާކުރާ ބައެއްކަން ސަރުކާރުން ގަބޫލުކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނަކީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ޔޫރަޕިއަން ޔޫނިއަން ( އީޔޫ) ،ކެނެޑާ، ސްވިޒަލޭންޑް، ނޯވޭ އަދި އެމެރިކާއިން ނެރުނު ބަޔާންތަކަށް ޖަވާބުދާރީ ވުމަށް ނެރުނު ބަޔާނެކެވެ.
އެމެރިކާއާއި ކެނެޑާ އަދި ޔޫރަޕިއަން ޔޫނިއަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވާހަކަ ދެއްކުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ރާއްޖޭން އިހުތިރާމް ކުރާ މިންވަރު ބަލަމުންދާނެ ކަމަށެވެ. އަދި ބުނެފައި ވަނީ ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމަަށް ސަރުކާރުން އިހުތިރާމް ކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ.
"...މި ކަންކަމުގެ މިނިވަންކަމަށް އިހުތިރާމް ކުރާ ވަރު އަހަރެމެން ބަލަމުންދާނަމެވެ. ލޯކަލް ކައުންސިލް އިންތިހާބަށް ދާއިރުވެސް މެއެވެ،" ގުޅިފައިވާ ބަޔާނުގައި ބުނެފައި ވެެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބުﷲ މަސީހުގެ އިތުރުބާރު ނެތްކަމުގެ ވޯޓެއް ނަގަން އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތުގައި މެމްބަރުން ތަކަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމް ހައްޔަރު ކުރުމުން އދ. އިން ވެސް ވަނީ މިފަދަ މޭރުމަކުން ވާހަކަ ދައްކާފަ އެވެ. އީޔޫ އާއި އެމެރިކާގެ ބަޔާނަކީ ވެސް ގާސިމް ހައްޔަރުކުރުމާއި ގުޅިގެން ރާއްޖޭގައި ސިޔާސީ ނުތަވަނަސްކަން އުފެދިފައި ވާތީ ނެރުނު ބަޔާނެއް ކަމަށް ބެލެވެއެވެ. ނަމަވެސް ގާސިމް ދޫކޮށްލާކަށް ދެ ޖަމާއަތުން ވެސް ގޮވާލާފައެއް ނުވެ އެވެ