ހަބަރު

ބްރިޖް މެދުވެރިކޮށް އަޅާ ފެންހޮޅީގެ ޑިޒައިން މަސައްކަތް ހަވާލުކޮށްފި

މާލޭ އާއި ހުޅުމާލޭ ފެނުގެ ވިއުގަ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު މެދުވެރިކޮށް ގުޅާލުމަށް އެ ނިޒާމު ޑިޒައިންކުރުމުގެ މަސައްކަތް ބްރިޖްގެ މަސައްކަތް ވެސް ހިންގާ، ޗައިނާ ސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން އާ ހަވާލުކޮށްފި އެވެ. މި މަސައްކަތް ސީސީސީއާ ހަވާލު ކޮށްފައިވަނީ ދެ ލައްކަ ޑޮލަރު، 3.1 މިލިއަން ރުފިޔާ އަށެވެ.

ފެން ބިލްޑިން އެމްޑަބްލިޔުއެސްސީ ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީ ގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އެވެ. އަދި ސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަ ހުއަންގް ލޮންގް އެވެ. މި މަޝްރޫއުގެ މަސައްކަތް 70 ދުވަހުގެ ތެރޭގައި ނިންމުމަށް އެކުންފުންޔާ ވަނީ ހަވާލު ކޮށްފަ އެވެ.

ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން އަކީ މާލެ އާއި ހުޅުލެ ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ވެސް ކުރާ ކުންފުންޏެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ އެ މަސައްކަތް ސީސީސީ ކުންފުންޏާ ހަވާލު ކުރީ، އެމްޑަބްލިޔުއެސްސީގެ އިންޖިނިއަރިން ޓީމާއި ސީސީސީ އިންޖިނިއަރިން ޓީމު ގުޅިގެން ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ކުރެވުނު މަސައްކަތުގެ އަލީގައި ކަމަށެވެ. އަދި ބުރިޖު ގެ މަސައްކަތާއި އެއްކޮށް ހޮޅިލައިންގެ މަސައްކަތް ނިންމައި މާލޭގެ ފެނުގެ ނިޒާމަށް ވަަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

"މި މަޝްރޫއުގެ އިތުރު ތަފުސީލް ދެވޭނީ ޑީޓެއިލް ޑިޒައިން ނިމުމުން. ނަމަވެސް އުންމީދަކީ މިއަހަރު ނިމުމުގެ ކުރިން މެއިން ޕައިޕް ލައިން އަށް ބޭނުންވާ އިކުއިޕްމަންޓް ތަށް މާލެ ގެނައުން،" ފަޒުލް ވިދާޅުވި އެވެ.

އެމްޑަބްލިޔުއެސްސީގެ ފެނުގެ ވިއުގަ ވަރުގަދަ ކުރުމުގެ ގޮތުން، ބޮޑުތަކުރުފާނުމަގުގައި ގާއިމްކުރާ 5000 ކޮޑި މީޓަރުގެ ފެން ޕްލާންޓާއި ހަވީރީ ހިނގުމުގައި ބަހައްޓާ 2000 ކޮޑިމީޓަރުގެ ފެން ޕްލާންޓުގެ މަސައްކަތް މިއަހަރު ތެރޭގައި ނިމޭނެ އެވެ.