ދިވެހި ސިނަމާ

ޑާކް ރެއިން އިން ތައްޔާރު ވަނީ ތްރިލާ ފިލްމަކަށް

މިދުވަސްވަރު އޮލިމްޕަހުގައި ރަސްކަން ކުރަމުންދަނީ ޑާކްރެއިން އެންޓަޓެއިންމަންޓްގެ "މީ ލޯތްބަކީ" އެވެ. މިމަހުގެ ފަސް ވަނަ ދުވަހު ފިލްމު ރިލީޒް ކުރިއްސުރެން ކޮންމެ ރެއެއްގެ ޝޯވެސް ހައުސް ފުލް އެވެ. ބައެއް މީހުން ދެ ފަހަރުވެސް ބަލައިފި އެވެ. ބެލި މީހުން ރިކޮމެންޑްކޮށްގެން ފިލްމު ނުބަލާ އެތައް ބަޔަކު ފިލްމު ބަލައިފި އެވެ. "މީ ލޯތްބަކީ" ހަމަ ލޯތްބަކަށް ވީ އެވެ.

"މީ ލޯތްބަކީ" އަށް ފަހު ޑާކްރެއިނުން މިހާރު ތައްޔާރު ވަމުންދަނީ މުޅިން ތަފާތު ދިމާލަކަށެވެ. ޑާކްރެއިނުން މިހާރު ތައްޔާރުވަނީ ތްރިލާ ފިލްމެއް ކަމަށްވާ "ގޮށްރާޅު" އަށެވެ. މޫމިން ފުއާދުގެ ވާހަކައަކަށް ހަދާ މި ފިލްމުގެ ޑައިރެކްޓު ކުރަނީ އަހުމަދު ޝިނާނެވެ. ޝިނާނަކީ ނަހުލާގެ ބިރުވެރި ފިލްމު "4426" ޑައިރެކްޓް ކުރުމުގައިވެސް ހަރަކާތްތެރިވެފައިވާ ޑައިރެކްޓަރެކެވެ.

މި ފިލްމުގެ ބައެއް ތަރިން މިހަރު ކަނޑައަޅާފައި ނުވި ނަމަވެސް އެއީ ކޮންތަރިންނެއް ކަމެއް އަދި ނޭނގެ އެވެ. ޑާކްރެއިނުން ބުނީ އެ މައުލޫމާތު ތަންކޮޅެއް ފަހުން އާންމު ކުރާނެ ކަމަށެވެ. "ގޮށްރާޅު" ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފެބްރުއަރީ ހިސާބުގަ އެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުން މިހާތަނަށް އެކި ކަހަލަ ފިލްމުތައްވަނީ ގެނެސްދީފަ އެވެ. އޭގެ ތެރޭގައި ތްރިލާ ފިލްމުތައް މީގެކުރިންވެސް ގެނެސްދީފައި އެބަހުއްޓެވެ. އެގޮތުން "ހެޕީ ބާތު ޑޭ" އަދި "މިކޮއެ ބައްޕަ ބައޭ ބައޭ" އަކީވެސް ތްރިލާ ޑާކްރެއިނުން ގެނެސްދީފައިވާ ތްރިލާ ފިލްމުތަކެވެ. "މިކޮއެ ބައްޕަ ބައޭ ބައޭ" އަކީ ސައިކޮލޮޖިކަލް ތްރިލާ އެކެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދީފައިވާ ގިނަ ފިލްމުތަކަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ފިލްމުތަކެކެވެ.