ވިޔަފާރި

ރާއްޖެއަށް ފާޑުކިޔާ ފަރާތްތަކަށް ވިޔަފާރިވެރިންގެ ޖަމިއްޔާ ރައްދު ދީފި

Apr 12, 2017
3

ރާއްޖެ އަށް ފާޑުކިޔާ ފަރާތްތަކަށް ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ރައްދު ދީފި އެވެ.

ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޖަމިއްޔާގެ ނައިބް ރައީސް އިސްލާއިލް އާސިފު ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީ ނެތް ކަމަށް ބުނެ ފާޑު ކިޔާ ފަރާތްތަކުން ރާއްޖޭގެ ކަންތައް ރަނގަޅަށް ނުބަލާ ކަމަށެވެ.

"އަޅުގަނޑުމެން [ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާ] ގަބޫލުކުރާ ގޮތުގައި ޑިމޮކްރަސީގެ ހަމަތައް ދެމެހެއްޓުމަށް ރާއްޖޭން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފަ،" އާސިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ 100 ޕަސެންޓް މުސްލިމް ގައުމަކަށްވާއިރު އެހެން ގައުމުތަކަށް ވުރެ ރާއްޖެ ތަފާތު ކަމަށެވެ.

"ޔޫރަޕުން ޑިމޮކްރަސީ ގެންނަން މަސައްކަތްކުރާ މުސްލިމް އެހެން ގައުމުތައް ބައްލަވާ [މެދުއިރު މަތީގެ ގައުމުތައް] އެ ގައުމުތަކުގައި ހިނގާ ލޭ އޮހުރުވުންތައް! އެފަދަ އެއްވެސް ކަމެއް ރާއްޖެއަކު ނެތް،" އާސިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ ޑިމޮކްރަސީ ފައްކާވަމުންދާ ގައުމަކަށްވާއިރު ރާއްޖެއަށް ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަން ވެސް ބޭނުންވާ ކަމަށެވެ.

"ރާއްޖޭގައިވެސް ރަނގަޅު ކުރަން ޖެހޭކަންތައްތަކެއް ހުންނާނެ. އެކަންކަމުގައި އެހީތެރިކަން ބޭނުންވަނީ،" އާސިފު ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި ހިނގާ ސިޔާސީ ކަންތައްތަކާ ބެހޭ ގޮތުން ދާދިފަހުން ބޭރުގެ ގިނަ ޖަމާތްތަކުން ވަނީ ފާޑު ކިޔާފަ އެވެ.