ވިޔަފާރި

އެމްއެލްއެޗްއޭ އެވޯޑު: ޓޫރިޒަމް ދާއިރާއިން ދިވެހިންގެ އަގު ވަޒަން ކުރާނެ

Apr 14, 2017
1

އެންމެ ބުރަކޮށް މަސައްކަތްކުރާ އެއް ދާއިރާއަށް ޓޫރިޒަމް ދާއިރާގެ ދިވެހިން ވާނެ އެވެ. ހާއްސަކޮށް މަދުނަަމަވެސް މި ދާއިރާގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ދާއިރާ ނުވަތަ އެޗްއާރުގައި ގިނަ ދިވެހިން މަސައްކަތް ކުރެ އެވެ. އެކަމަށްޓަކައި އެޗްއާރް މޯލްޑިވްސް ކުންފުނި މިވަނީ މޯލްޑިވްސް ލީޑާސް އިން ހޮސްޕިޓާލިޓީ އެވޯޑް (އެމްއެލްއެޗްއޭ) ގެ ނަމުގައި ހާއްސަ އެވޯޑެއް ތައާރަފުކޮށްފަ އެވެ. މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުުރުސަތު އޮތީ މާދަމާގެ ނިޔަލަށެވެ. މިއީ ދިވެހިންގެ އަގު ވަޒަންކުރާނެ އެވޯޑެއް ކަމަށް އެ ކުންފުނިން ބުނެ އެވެ

"މި އެވޯޑުގެ މަގުސަދަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ދިވެހިންގެ އަގު ވަޒަން ކުރުން. ހަމައެކަނި ދިވެހިިންނަށް ހާއްސަ ވާނީ،" އެޗްއާރު މޯލްޑިވްސްގެ ޕްރޮޖެކްޓް މެނޭޖަރު އުތޮއިފާ އަލީ ވިދާޅުވި އެވެ.

މި އެވޯޑަށް ނަން ހުށަހެޅޭނީ ހަމައެކަނި ދިވެހިންނަށެވެ. މިގޮތުން ވަކިވަކި ފަރުންދުންނާއި ކުންފުނިތަކަށް ވެސް އެވޯޑު ދޭނެ އެވެ. ތިން ގިންތިއަކުން އެވޯޑު ދޭނެ އެވެ. އެއީ "ގޯލްޑް ލީޑާސް" އެވޯޑާއި "ސިލްވަ ލީޑާސް" އެވޯޑު އަދި އޮގަނައިޒޭޝަނަލް އެވޯޑެކެވެ. މިގޮތުން "ގޯލްޑް ލީޑާސް" އެވޯޑު ހާއްސަ ވަނީ ރިސޯޓު/ ހޮޓާ އަދި ގެސްޓް ހައުސްތަކުގެ ޖީއެމުންނާއި ރެސިޑެންޓް މެނޭޖަރު ލެވަލްގެ މީހުންނަށެވެ. މީގެތެރޭގައި އެކި ޑިޕާޓްމަންޓްތަކުގެ މެނޭޖަރުން ހިމެނެ އެވެ. އަދި "ސިލްވަ އެވޯޑު" ހިމެނެނީ އެހެން ޑިޕާޓްމަންޓްތަކުގެ ހެޑުންނެވެ. އަދި "އޮގަނައިޒޭޝަނަލް" އެވޯޑު ހާއްސަ ވަނީ އެމްޕްލޮއިމަންޓް އެޖެންސީތަކާއި ކުންފުނިތަކަށެވެ. މިގޮތުން މި ދާއިރާގައި 16 ގިންތިއަކުން އެވޯޑު ދޭނެ އެވެ.

އުތޮއިފާ ވިދާޅުވީ އެ ކުންފުނީގެ ވެބްސައިޓުން އެވޯޑަށް ނޮމިނޭޝަން ފޮނުވޭނެ ކަމަށެވެ. އަދި މި އެވޯޑަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އެވޯޑުުގެ ޖަޖުން ޕެނަލްގައި ހިމެނޭނީ ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާގެ ފުންނާބު އުސް ބޭފުޅުންނާއި ބޭރުގެ އެއް މާހިރެއް،" އުތޮއިފާ ވިދާޅުވި އެވެ.

މި އެވޯޑު ދިނުމުގެ ރަސްމިއްޔާތު އޮތީ، އޮގަސްްޓް މަހުގެ ފަސްވަނަ ދުވަހު އެވެ.