ވިޔަފާރި

ރީތީގެ ރާނީ މެގަން ޔަންގް މާފުށީގައި ޗުއްޓީ ހޭދަކޮށްފި

Apr 13, 2017
  • މިސް ވޯލްޑް ހުރީ ކްރިސްޓަލް ސޭންޑްސްގައި
  • މި އަހަރު މަޝްހޫރު ގިނަ ބަޔަކު އަންނާނެ
  • ރާއްޖެ މާކެޓިން ވަނީ ތަފާތު ކޮށްލާފަ

ދެހާސް ތޭރަ ވަނަ އަހަރު މުޅި ދުނިޔޭގެ ރީތީގެ ރާނީގެ ތާޖު ހާސިލްކުރި ފިލިޕީންސްގެ މެގަން ޔަންގް ކ. މާފުށީ، ކްރިސްޓަލް ސޭންޑްސް ގެސްޓް ހައުސްގައި ޗުއްޓީ ހޭދަކޮށްފި އެވެ.

މިސް ވޯލްޑް ކާމިޔާބުކުރި ފިލިޕީންސްގެ ފުރަތަމަ ބަތަލާ އަދި މޮޑެލް މެގަން ޔަންގު ވަނީ ރާއްޖޭގައި އޭނާ އާއި ލޯބި ވެރިޔާ، އެ ގައުމުގެ އެކްޓަރު މައިކަލް ޑައީޒްގެ ފޮޓޯތައް ދޫކޮށްލާފަ އެވެ. އަދި އޭނާ ރާއްޖޭގައި ހޭދަކުރި ދުވަސްތައް މަޖާކަމަށް ބުނެ، ވަނީ ތައުރީފުކޮށްފަ އެވެ. އަދި ކްރިސްޓަލް ސޭންޑް ގެސްޓްހައުސްއިން ދިން ފުރިހަމަ މެހުމާންދާރީ އޭނާ ފާހަގަ ކޮށްފައިވެ އެވެ.

ކްރިސްޓަލް ސޭންޑް ގެސްޓްހައުސް އަކީ މަޝްހޫރު ރެސްޓޯރެންޓް ބްރޭންޑް، ސިންފަނީ ހިންގާ ކުންފުނީގެ ދަށުން ހިންގާ ގެސްޓްހައުސް އެކެވެ.

ރާއްޖެއަކީ ދުނިޔޭގެ އެންމެ މަޝްހޫރު މީހުން ޗުއްޓީ ހޭދަކުރާ އެއް ގައުމެވެ. މިގޮތުން މިދިޔަ އަހަރާއި މި އަހަރު އާދަޔާ ހިލާފަށް މަޝްހޫރު މީހުން ދަނީ ރާއްޖޭގައި ޗުއްޓީހޭދަ ކުރަމުންނެވެ.

މަޝްހޫރު މީހުންގެ ރާޑަރަށް ރާއްޖެ އަރާފައިވާއިރު، ރާއްޖެ ޕްރޮމޯޓް ކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ދަނީ ސޯޝަލް މީޑިޔާ މެދުވެރިކޮށް ރާއްޖެ ޕްރޮމޯޓް ކުރަން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ.