ހަބަރު

ކުނޫޒް ކުރިމަތީ އޮންނަ މަގު އަނެއްކާ ވެސް ހަދަން ފަށައިފި

ޖުމްހޫރީ ޕާޓީގެ މައި އޮފީސް ކަމަށްވާ ކުނޫޒު ކުރިމަތީ އޮންނަ ފަނޑިޔާރު މަގު އަލުން ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓުރީން އަނެއްކާ މިއަދު ފަށައިފި އެވެ.

މަޖީދީމަގު ރަނގަޅު ފެންވަރަކަށް ހެދުމަށް ހައުސިން މިނިސްޓްރީން ފަށާފައިވާ މަސައްކަތުގެ ދަށުން މީގެ ކުރިން މިމަހު ހަތްވަނަ ދުވަހުގެ ރޭ ހައުސިން މިނިސްޓުރީން ވަނީ ފަނޑިޔާރު މަގުގެ މަސައްކަތް ފަށައި މިމަހު ދިހަވަނަ ދުވަހު އަލުން އެ މަގު ހުޅުވާފަ އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަހުމަދު ފަޒާލް ހުސައިން ވިދާޅުވީ، ފަނޑިޔާރު މަގުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް އަލުން އެ މަގުގެ މަސައްކަތް ފެށީ ކަމަށެވެ. އަދި އެ މަގުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް ހައުސިން މިނިސްޓުރީން މަސައްކަތް ކުރަމުންދާ ކަމަށް ފަޒާލް ވިދާޅުވި އެވެ.

ފަނޑިޔާރު މަގު ހެދުމުގެ މަސައްކަތް މިއަދު އަލުން ފަށާފާވާއިރު، މިހާރު ކުރިއަށް ގެންދަނީ ސެގްމަންޓް ފަހެއްގެ މަސައްކަތެވެ. އެއީ މަޖީދީ މަގު ރެޑްވޭވް ހުންނަ ސަރަހައްދެވެ. މަޖީދީ މަގު އަލުން ހެދުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވަނީ ނުވަ ސެގްމަންޓަކަށް ބަހާލައިގެންނެވެ.