އަވަސް ވީކެންޑް

ގަދަ ހިތްވަރުން އެރި ތަރިއެއް!

Apr 14, 2017
3

ސްކޫލް ދައުރުގައި ކެޑޭޓެކެވެ. އެންމެ އުޅޭ ހިތްވީ ވެސް ހަމަ އެ ދާއިރާގަ އެވެ. ސަބަބަކީ ތިމާގެ ގިނަ ކުދިން މި ދާއިރާގައި އުޅުމެވެ. އެހެންވެ ކެޑޭޓް ހަރަކާތް ހެދީ ކިޔެވުމުގެ ބަޔަކަށެވެ. އެންމެ އިސްކަން ދިނީ ވެސް ކެޑޭޓަށެވެ. އެންމެ ފުރަތަމަ ވަޒީފާއަކީ އެއާޕޯޓް ކާގޯ ކްލިއަރެންސްގެ ވަޒީފާ އެވެ. އޭގެ ފަހުން މަސައްކަތްކުރީ ބޯޓެއްގަ އެވެ. ބައްޕަގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށެވެ. މި ޒުވާނާއަކީ މިހާރު އަމާނާތަކާފުލްގެ ބިޒްނަސް ޑިވްލޮޕްމަންޓް ސީނިޔަ އެގްޒެކެޓިވް އަހުމަދު ޝަމޫލް އަބްދުﷲ އެވެ.

"ބައްޕަ ބޭނުންވީ އިންޖިނިއަރަކަށްވާން. ރާއްޖޭގައި ދުއްވާ އޮއިލް ކެރިއާއެއްގައި. އޭގައި ޓްރައިކޮށްލަން ދިޔައީ. އެކަމަކު އެހާ އިންޓްރެސްޓެއް ނޫން. އެކަމަކު ވަރަށް އެޑްވެންޗަރަސް ކަމެއް،" ޝަމޫލް ބުންޏެވެ.

ބޯޓަކަށް އަރަން ޝަމޫލް ނިންމި މައިގަނޑު ސަބަބަކީ ސްކޫލް ނިމުނު އިރު ނަތީޖާ އެހާ ރަނގަޅު ނުވުމެވެ. އެހެންވެ ބޭރަށް ކިޔަވަން ދާން ބެލިއިރު އެ ފުރުސަތު ލިބޭ ގޮތެއްނުވީ އެވެ. ނަމަވެސް އޭނާ ހިތްވަރު ދުލެއް ނުކުރި އެވެ. ހިތްވަރު ކޮށްފައި އަލުން ކިޔެވީ އެވެ.

"އަސްލުވީ ގޮތަކީ ގައުމީ ކެޑޭޓްކޯއަށް ވަންނަ ހިތުން. އެވަރަށް ކިޔަވަން ނޫޅެވުނީ. އަބަދު ވެސް ހިތަށް އަރާ ގައުމީ ކެޑޭޑް ކޯގައި ތަރި ޖަހާފައި ހުންނަ މީހަކަށް ވުމަށް. އެހެންވެ އެގޮތަށް މަސައްކަތް ކުރީ."

"ބޯޓުގައި އުޅުނުއިރުވެސް އެންމެ ދަށް މީހާގެ ގޮތުގައި އުޅުނީ. އެހެންވެ މަހަކު ހަތަރު ފަަހަރުވަރު ބޯޓުން އެއްގަމަށް ފޭބެނީ. އެހެންވެ ވަރަށް ފޫހިވީ ފަހުން. ހިތަށް އެރީ ކިޔަވައިގެން އައިސް ވެސް ހަމަ މިހެންނޭ އުޅެން ޖެހޭނީ."

މި ވަޒީފާ އަށް ފަހު، އެލާމްސްގައި ވެސް މަސައްކަތް ކުރި އެވެ. އެތަނުގައި އުޅުނުއިރު ފަޔާ އިންޖިނިއަރިންގެ ދާއިރާ އިން ކިޔެވި އެވެ. މިހާރު ޝަމޫލްއަކީ ޑިފެންސް އެޕްރޫވް ޓްރެއިނިން ހިންގޭ ފެންވަރުގެ މީހަކެވެ. ދެން އޮތީ ޝަމޫލް މިހާރު މަސައްކަތްކުރާ އަމާނާ ތަކަފުލްގެ ވަޒީފާއަށް ވަން ވާހަކަ އެވެ.

އަމާނާ ތަކަފުލް އަށް ވަނީ އެންމެ އާދައިގެ ވަޒީފާ އަކަށެވެ. އިންޝުއަރެންސްގެ ވަޒީފާ ވެެގެން ދިޔައީ ޝަމޫލްއަށް "ރޮކެޓް ސައިންސަށޭ" ބުނެވިދާނެ އެވެ. ކުރިން ތެޔޮ ބޯޓަކާއި ފަޔާގައި އުޅުމަށްފަހު މި ކުންފުންޏަށް ވަންއިރު އެއްވެސް ނޮލެޖެއް ނެތެވެ. އެހެންވެ ވިޔަފާރިއާ ގުޅުންހުރި ދާއިރާއިން ރާއްޖޭގައި ކިޔަވަން ފެށި އެވެ.

"އޮފީސް ތެރޭގައި ވާނުވާ އެނގެން ކިޔަވަން ފެށީ. މިހާރު ޑިގްރީ ނިންމައިފިން،" މެނޭޖުމަންޓް ޓްރެއިނިންގެ ވަޒީފާއިން ފެށި ޝަމޫލް ބުންޏެވެ.

މި ކުންފުނީގައި ޝަމޫލް ވަނީ ގިނަ ވަޒީފާތަކެއްގެ ތަޖުރިބާ ހޯދާފަ އެވެ. އަދި މީގެ އިތުރުން ޝަމޫލްވަނީ އަމާނާ ތަކަފުލްގެ މައި ކުންފުނީގައި ވެސް ތަޖުރިބާ ހޯދާފަ އެވެ.

"މިތަނުގައި މަސައްކަތް ކުރުމަކީ ކޮންމެ ދުވަހަކު ވެސް ކަމެއް ދަސްވާ ދުވަހެއް. ހާއްސަކޮށް ކުންފުނިން ލިބޭ އެހީތެރިކަން ވަރަށް ބޮޑު،" ޝަމޫލް ބުންޏެވެ.

ޝަމޫލް ގަބޫލުކުރާ ގޮތުގައި އޭނަ މިހިސާބަށް އައުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވާ މީހުންގެ ތެރޭގައި އަންހެނުންނާއި އާއިލާ ހިމެނެ އެވެ. އަދި މި ހިސާބަށް އައުމުގައި އެންމެ ބޮޑު އެއް ސިއްރަކީ ދިވާމާ ގޮންޖެހުންތައް ގަބޫލުކޮށް، އެކަމާ ކުރިމަތިލުމެވެ.