މޯލްޑިވްސް ކަސްޓަމްސް ސާވިސް

މިދިއަ މަހު އިމްޕޯޓް ޑިއުޓީގެ އާމްދަނީ 23 ޕަސެންޓް ދަށަށް

މިދިޔަ މާޗް މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މާޗް މަހާ އަލާބަލާއިރު 23 ޕަސެންޓް ދަށްވެފައިވާ ކަމަށް ކަސްޓަމްސް ސާވިސްއިން ބުނެފި އެވެ.

މިދިޔަ މަހުގެ ތަފާސް ހިސާބުތައް ކަސްޓަމްސްއިން މިއަދު ނެރުނު އިރު ބުނެފައިވަނީ، މިދިޔަ މަހު އިމްޕޯޓް ކުރި މިންވަރު ހަ ޕަސެންޓް އިތުރުވެފައިވީ ނަމަވެސް އެކްސްޕޯޓްކުރި މިންވަރު 17 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ.

މިދިއަ އަހަރުގެ މާޗް މަހު 2.87 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކުރި އިރު މި އަހަރުގެ މާޗް މަހު އެތެރެކުރި މުދަލުގެ އަގު ތިން ބިލިއަން ރުފިޔާ އަށް އިތުރުވެފައި ވެއެވެ. އަދި މިދިޔަ އަހަރުގެ މާޗް މަހު ރާއްޖެއިން 301.6 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރިއިރު، މި އަހަރުގެ މާޗް މަހު މި އަދަދު ވަނީ 249 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

ކަސްޓަމްސް އިން ބުނީ މިއަހަރުގެ ފެބުރުއަރީ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަދުދެ ގޮތުން އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވަނީ އެމިރޭޓްސް އިންނެވެ. އެއީ 20 ޕަސެންޓްގެ މުދަލެވެ. ދެވަނައަށް އެންމެ ގިނަ މުދާ އެތެރެކޮށްފައި ވަނީ އިންޑިއާ އާއި ސިންގަޕޫރުން ނެވެ. އެއީ 12 ޕަސެންޓް މުދަލެވެ. އަދި ޗައިނާއިން 10 ޕަސެންޓް މުދާ އެތެރެކޮށްފައިވާ އިރު ހަތް ޕަސެންޓް މުދާ ރާއްޖެ އަށް އެތެރެކޮށްފައިވަނީ ސްރީލަންކާ އިންނެވެ.