އަވަސް އެހީ

ޒުވާނުންތަކެއްގެ މަސައްކަތުން އަނާއަށް ބޮޑު އެހީއެއް

ސިކުނޑިއަށް ލޭ އެޅި ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ ނ. ވެލިދޫ ޑިއަރެސްޓް ވިލާ، 12 އަހަރުގެ އައިމިނަތު އަނާ އިބްރާހިމަށް އެހީ ހޯދުމަށް ޒުވާނުންތަކެއް އިސްނަގައިގެން ވަރަށް ކާމިޔާބު ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

އަނާއަށް އެހީ ހޯދުމަށް މި ޒުވާނުން ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑް ފޮށި ހިފައިގެން ފަންޑް ރައިޒިން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ރަސްފަންނު، އާޓިފިޝަލް ބީޗް، ރާޅުގަނޑު، ކާނިވަލް ސަރަހައްދު، ހުޅުމާލެ ޓާމިނަލް، ރާވެރިބޭ މައިޒާން، ވިލިމާލެ ޓާމިނަލްގެ އިތުރުން ޕެޓްރޯލް ޝެޑްތަކުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވެ އެވެ.

ދެ ހަފުތާ ބަންދު މަސައްކަތްކޮށްގެން މި ޒުވާނުން ވަނީ އަނާއަށް ޖުމްލަ 192,825 ރުފިޔާ އާއި 404 ޑޮލަރު ހޯދައިދީފަ އެވެ.

އަނާއަށް އެހީތެރިކަން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން މި ޒުވާނުން ވަނީ މީހުންނަށް އެހީ ހޯދުމަށް އަމިއްލަ ފައުންޑޭޝަނެއް ހެދުމަށް ނިންމާފަ އެވެ.

ޑޮކްޓަރުން ބުނެފައިވަނީ އަނާއަށް ސްޓްރޯކެއް ޖެހި ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށެވެ. އަދިވެސް އަނާ އެއްކޮށް ހޭނާރަ އެވެ. އޮތީ ކޮމާއެއްގަ އެވެ. އަނާއަށް ސްޓްރޯކެއް ޖެހުނުތާ މިހާރު މަހެއް ވަނީ އެވެ.

އަނާގެ ބައްޕަ އިބްރާހިމް މުހައްމަދު ބުނީ، އެ އާއިލާއަށް ދިމާވި ކުއްލި މި ހާލަތުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން ދިޔަ ކަމަށާއި އެ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. މާލީ ގޮތުން ކުރިން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައިވަނިކޮށް ދީލަތި ގިނަ ބަޔެއްގެ އެހީތެރިކަމާއެކު މިހާރު އެފަދަ އެއްވެސް ކަމެއް ނެތް ކަމަށް އިބްރާހިމް ބުންޏެވެ.

އިބްރާހިމް ބުނީ، އަންނަ ހޮނިހިރު ދުވަހު އަނާއަށް އިތުރު ފަރުވާދިނުމަށް އިންޑިއާއަށް ފުރާނެ ކަމަށެވެ. އިންޑިއާއަށް ދެވޭވަރުގެ ތަނަވަސްކަން މިހާރު ހުރި ނަމަވެސް ގިނަ ދުވަސްތަކަކަގެ އެ ގައުމުގައި މަޑުކުރަން ޖެހިއްޖެނަމަ އޭނާއަށް ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް ބުންޏެވެ.