ދުނިޔެ

އަރަބި ގައުމުތަކުގެ އަސްކަރީ ފައުޖެއް އުފައްދަން އެއްބަސްވެއްޖެ

Mar 30, 2015

އަރަބި ގައުމުތަކުގެ ގުޅިފައިވާ އަސްކަރީ ފައުޖެއް އުފެއްދުމަށް އަރަބި ލީގުގެ ވެރިން އެއްބަސްވެއްޖެ އެވެ.

އަރަބި ގައުމުތަކުގެ ޖަމިއްޔާ އިން މިކަމަށް އެއްބަސްވެފައި މި ވަނީ ޔަމަނާއި ސީރިއާގައި ހަމަނުޖެހުންތައް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާ ވަގުތެއްގައި މިސްރުގެ ޝަރުމުއް ޝައިޚްގައި ކުރިއަށް ގެންދާ ބައްދަލުވުމެއްގަ އެވެ. އަދި ޔަމަންގެ ސަރުކާރު ދިފާއު ކުރުމަށް ސައޫދީ އިސްވެ އޮވެ 10 ގައުމެއް ބައިވެރިވެގެން ދަނީ ހަމަލާތައް ވެސް ދެމުންނެވެ.

ނަމަވެސް އަލަށް އުފައްދާ ފައުޖަކީ ޔަމަނަށް ފޮނުވަން އުފައްދާ ލަޝްކަރެއް ކަމަށް ބުނެފައެއް ނުވެ އެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނަނީ މިކަމަށް އެއްބަސްވި ކަމުގައި ވިޔަސް މިކަމާ ބެހޭ ކަންކަން ނިންމައި އިންތިޒާމުކޮށް އަމަލީ ސިފައެއް ގެންނަން އަދި އެތައް މަހެއް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އަރަބި ލީގުން ބުނީ އަރަބި ގައުމުތަކުގެ ގުޅިފައިވާ އަސްކަރިއްޔާއެއް އުފައްދާއިރު އެ ފައުޖުގައި ބައިވެރިވާނީ އެކަމަށް ޝައުގުވެރިވާ ގައުމުތަކުން ކަމަށެވެ. ދިރާސާކުރާ ފަރާތްތަކުން ބުނަނީ އަރަބި ލީގުގެ 22 ގައުމު މި ފައުޖުގައި ބައިވެރި ވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އެސޯސިއޭޓެޑް ޕްރެސް އިން މިސްރުގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައި ވަނީ މި ފައުޖުގައި 40000 ސިފައިން ހިމެނޭނެ ކަމަށާއި ހަނގުރާމަމަތީ ޖެޓްތަކާއި މަނަވަރުތައް ވެސް ހިމެނޭނެ ކަމަށެވެ.

މީގެ ކުރިން ވެސް އަރަބި ލީގުން ވަނީ އަސްކަރީ އިއްތިހާދެއް އުފެއްދުމަށް މަޝްވަރާކޮށްފަ އެވެ. ނަމަވެސް އެތައް އަހަރެއް ވެގެން ދިޔައިރު ވެސް އެކަން ވަނީ ހަގީގަތަކަށް ނުވެފަ އެވެ. --ބީބީސީ