ރިޕޯޓް

އެލައިޑުން ދެއްކި ތަރި މޫސާ ވަސީމުހާ މަޝްހޫރު!

Apr 16, 2017
31

"އެއްކަލަ ސޮރު އެ ހުރީ ކުޅެން" ލޯންޗުގެ ތެރޭގައި އެންމެން މިކިޔަނީ ކީކޭކަމެއް ފުރަތަމަ ނޭނގުނެވެ. ކެޔޮދޫ ފަޅަށް ލޯންޗް ވަންހާއިރަށް އެހެން ކިޔަން ފަށައިފި އެވެ. އެއްގަމު ތޮއްޓާ ލޯންޗު ކައިރިވުމާއެކު އެންމެން ދިޔައީ އެބުނާ ސޮރާ ސަމާސާ ކުރާށެވެ. އެއީ ކޮން ސޮރެއް ހެއްޔެވެ؟ އަސްތާ އެބުނާ ސޮރު ހަމަ ލޮލަށް އަދި މި ފެނުނީ އެވެ. އެލައިޑުގެ އިޝްތިހާރު ތަކުން މިހާރު ފެންނަ، ނަހުޒާން އަހުމަދު ހުސެއިން (ނަހޫ) އަކީ އެބުނާ އެއްކަލަ ސޮރެވެ. އެކަމަކު ބުނަންހެއްޔެވެ؟ މިއީ އާދައިގެ ސޮރެއް ނޫނެވެ. ހުނަރުން ފުރިފައިވާ ކުއްޖެކެވެ. ނަހޫއަކީ އެއް ފަހަރާ އެތައް ކަމެއް ކުރާ ކުޅަދާނަ އެހާ ވިދުން ގަދަ ހަމަ ސީދާ ތަރިއެކެވެ.

ފައްޗަށް ނަހޫ މިއޮށް ކިޔައިދެނީ އެވެ: "ބެޑްމިންޓަން ކުޅެން... ގްރުއާން ކިޔަވަން. ފުޓުބޯޅަ ކުޅެން... ބަހުސް މުބާރާތުގައި ބައިވެރިވަން... ވޮލީ ކުޅެން.... ސްކޫލް ބްރޭކް ގަޑިތަކުގަ ރޯލް ޕްލޭ ކުޅެން، އަދިވެސް ބައިވަރު..."

އެލައިޑުގެ އިޝްތިހާރެއް ނަގަން، ކެޔޮދޫ އަށް ގޮސް އުޅުމުގެ ތެރޭގައި އެ ކުންފުނީގެ ރާޑަރަށް އެރި ނަހޫއަކީ، ވަރަށް ފައްކާ ވަރަށް މޮޅު އެކްޓަރެކެވެ. އޭނާ ގާތުގައި މިވެނި މީހަކަށްވާށޭ ޖެހޭނީ ބުނެލާށެވެ. ހަމަ ބުނެލާއިރަށް ސިކުންތު ކޮޅެއްގެ ތެރޭގައި އެ މީހަކަށް އެ ބަދަލުވެލަނީ އަޖައިބެއްހާ ފަސޭހަ ކަމާއެކު އެވެ. ސަމާސާ ކުރާ މީހުން ބުނަމުން ދިޔަ ގޮތަށް "ނަހޫއަކީ ހަމަ ވީނަސް ތަރި" އެވެ.

ނަހޫ ބުނި ގޮތުގައި ފުރަތަމަ އެލައިޑުގެ އިޝްތިހާރު ނަގަން އައި ދުވަހު އޭނާ ބިރުން ތުރުތުރު އެޅި އެވެ. އެކަމަކު، އެހާލުގައިވެސް އޭނާގެ ހުނަރު ދެކެފައި އެންމެން ހައިރާންވި އެވެ.

"އިޝްތިހާރު ނަގަން އަހަރެން ނެގުމުން ފުރަތަމަ ހީކުރީ ކީއްވެގެންބާއޭ އަހަރެން ނެގީ؟ އެހެން ކުދިން ވެސް ތިއްބައި،" ނަހޫ ބުންޏެވެ.

ނަހޫއަކީ ތިން ކުދިން ތިބޭ އާއިލާއެއްގައި ދެވަނަ އަށް އެންމެ ބޮޑު ކުއްޖާ އެވެ. އެލައިޑުގެ އިޝްތިހާރު ތަކުން އޭނާ ފެނުން ވެގެން ދަނީ އޭނާގެ އާއިލާ އަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލަކަށެވެ. ވަރަށް ހާއްސަ ކަމަށެވެ. އެކަމާ މުޅި އާއިލާ ވެސް އަދި ނަހޫ ވެސް އުފާވެ އެވެ. އެކަމަކު ނަހޫ ބުނާ ގޮތުގައި ބައެއް ފަހަރު ފާޑަކަށް ލަދެެއް ގަނެ އެވެ.

"އެކި އެއްޗިހި ކިޔައިގެން މީހުން ގޮވާ. ބައެއް މީހުން ބުނާނެ އެއޮއް އަންނަނީއޭ ޒުބޭދާ! މައުރީނޭ... މޫސާ ވަސީމޭ، އެލައިޑު ބޮޑު މީހާއޭ!،" ހިނިގަނޑެއް ޖަހާލާފައި ނަހޫ ބުންޏެވެ.

އެލައިޑުގެ ގިނަ އިޝްތިހާރުތަކުގައި ނަހޫ، މޯލްޑިވިއަން އައިޑޮލްގެ ޕްރެޒެންޓަރު މޫސާ ވަސީމްގެ ނަން ކިޔަސް އޭނާއަށް ވަސީމް ޓީވީން ފެނުނަސް ކުރިން ނޭނގެ އެވެ. ނަހޫއަށް މޫސަ އެނގުނީ ވަރަށް ފަހުންނެވެ. އެކަމާ އޭނަ ހިނިވެސް އާދެ އެވެ.

"ކުރިން ނޭނގެ މޫސާ ވަސީމެއް، ކާކު ކަމެއްވެސް އަޅައި ގަނެފަ ވެއްޓުނަސް ނޭނގޭނެ. އެއްރެއަކު އަހަރެން ބުނީ ޓީވީ ބަލަން އިނދެފަ އަޅެ ބުނެބަލާށޭ، ކާކުހޭ މި މޫސާ ވަސީމަކީ؟ ދެން މަންމަމެން ބުނެދިނީ، ޓީވީން އެ ދައްކަނީއޭ މޫސާ ވަސީމް،" ނަހޫ ބުންޏެވެ.

އެކްޓިން އަށް ނަހޫ ކިތަންމެ މޮޅަސް ފިލްމް ކުޅޭކަށް އޭނާ ބޭނުމެއް ނުވެ އެވެ. ބޮޑުވެން އޭނާ ވާން ބޭނުންވަނީ ސިފައިންގެ މީހަކަށެވެ. އޭނާގެ މަންމަ ވެސް ނަހޫ ލައްވާ ފިލްމް ކުޅުވާކަށް ބޭނުމެއް ނުވެއެވެ.

"މަންމަ ބުނީ، އިޝްތިހާރު ކުޅުނަސް އޯކޭ އޭ. ގޯސް ގޮތަކަށް ނޫޅެ ކުރި އަށް ދާށޭ. ބޮޑު ވެގެން ދެކަމެއް ބޭނުންވޭ، ފުރަތަމަ އެމްއެންޑީއެފް [ސިފައިން] ގެ މީހަކަށް. ދެން ފުޅުބޯޅަ ކުޅެން،" ނަހޫ ބުންޏެވެ.

އިންޓަވިއު ނިމުނުއިރު ރޭގަނޑު ވެއްޖެ އެވެ. އެހެންވެ އޭނާ ބޭނުންވީ އަވަހަށް ގެއަށްދާށެވެ. ގެއަށް ގޮސް ގުރުއާން ކިޔަވައި ކައިގެން ނިދާށެވެ. އެހެންވެ އޭނާ ނައްޓައިލި އެވެ.