ކުޅިވަރު

ޗެލްސީއާ ހަތަރު ޕޮއިންޓަށް ޓޮޓެންހަމް ފަރަގު ކުޑަ ކޮށްފި

Apr 16, 2017

އެފްސީ ބޯންމައުތުގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އެއް ވަނައިގައި އޮތް ޗެލްސީއާ ހަތަރު ޕޮއިންޓަށް ދެ ވަނައިގައި އޮތް ޓޮޓެންހަމް ހޮސްޕާއިން ފަރަގު ކުޑަ ކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި، ޓޮންހަމްއަށް މެޗުގެ 16 ވަނަ މިނެޓްގައި ގޯލް ހުޅުވައިދިނީ މޫސާ ޑެމްބަލޭ އެވެ. އޭނާ ލަނޑު ޖެހީ ކްރިސްޓިއަން އެރިކްސަން ނެގި ކޯނަރަކުން ލިބުނު ބޯޅައިން ނެވެ. އެއީ އޭނާ މި ސީޒަންގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.

ދެވަނަ ލަނޑު އޭގެ ތިން މިނެޓް ފަހުން، ހެރީ ކޭން ތަނަވަސް ކޮށް ދިން ފުރުސަތަކުން ހިންއަންގް މިން ސަން އެވެ.

ދެ ވަނަ ހާފް ފެށިގެން ތިން ވަނަ މިނެޓް ކޭން ވަނީ ޓޮޓެންހަމްގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އޭނާ ލަނޑު ޖެހީ ޑޭލް އަލޭ ދިން ބޯޅަ، ބޯންމައުތުގެ ޑިފެންޑަރު ކައިރިންވެސް ނައްޓާ ލުމަށްފަހު އެވެ.

ޓޮޓެންހަމްގެ ހަތަރު ވަނަ ލަނޑު މެޗުގެ ފަހު ވަގުތުގައި ކާމިޔާބު ކުރީ، ވިންސެންޓް ޔެންސަން އެވެ. އެ ގޯލަކީ އިނގިރޭސި ޕްރިމިއާ ލީގްގައި އޭނާ ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.

މިއީ ޓޮޓެންހަމް ޖެހިޖެހިގެން މޮޅުވި ހަތް ވަނަ މެޗެވެ. މެޗުން މޮޅުވުމުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމަށް ވަނީ 71 ޕޮއިންޓް ލިބިފަ އެވެ. ޗެލްސީއަށް ލިބިފައި ވަނީ 75 ޕޮއިންޓެވެ. ނަމަވެސް، މާދަމާ ޗެލްސީ މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށް ކުޅެ މެޗު މޮޅުވެއްޖެނަމަ ހަތް ޕޮއިންޓަށް ލީޑް ފުޅާ ކުރެވޭނެ އެވެ.