ވިޔަފާރި

މިދިޔަ މަހުގެ އާމްދަނީ: 1.3 ބިލިއަން ރުފިޔާ، 62.3 މިލިއަން ޑޮލަރު

Apr 16, 2017
  • އެންމެ ގިނައިން ލިބުނީ ޖީއެސްޓީ
  • ބައެއް ޓެކްސްތައް ވަނީ އިތުރުވެފަ
  • އާމްދަނީ އިތުރުވުން މައްޗަށް ހިފާފަ

މިދިޔަ މަހު ދައުލަތައް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.3 ބިލިއަން ރުފިޔާ އާއި 62.3 މިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާއިން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޖުމްލަ އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ މާޗުމަހުގެ ޖުމްލަ އާމްދަނީއަކީ 1.1 ބިލިއަން ރުފިޔާ އެވެ. މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) އިންނެވެ. ޖީއެސްޓީގެ ގޮތުގައި 666 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނީ 569 މިލިއަން ރުފިޔާއާ އަޅާބަލާއިރު 16 ޕަސެންޓުގެ އިތުރުވުމެކެވެ.

އާމްދަނީ ކުރުކޮށް

  • ޖީއެސްޓީ 666 މިލިއަން ރުފިޔާ
  • ބީޕީޓީ 17 މިލިއަން ރުފިޔާ
  • ޓޫރިޒަމް ލޭންޑް ރެންޓް 272 މިލިއަން ރުފިޔާ
  • އެއާޕޯޓް ސާވިސް ޗާޖު 73 މިލިއަން ރުފިޔާ
  • ރެމިޓެންސް ޓެކްސް 10 މިލިއަން ރުފިޔާ

މިދިޔަ މަހު ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ބީޕީޓީގެ ގޮތުގައި 17 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މާޗް މަހު ލިބުނު 19 މިލިއަން ރުފިޔާއާ އަޅާބަލާއިރު މިއީ ހަތް ޕަސެންޓް ދަށް އަދަދެކެވެ. އަދި މިދިޔަ މަހު ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 275 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މާޗް މަހު ލިބުނު 281 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދެ ޕަސެންޓް ދަށް އަދަދެކެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ އާމްދަނީ އިތުރުވެގެން ދިއުމުގެ މައިގަނޑު އެއް ސަބަބަކީ ޖީއެސްޓީ އާއި އެއާޕޯޓް ސާވިސް ޗާޖު އަދި ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މައްޗަށް ދިއުމެވެ. މިދިޔަ މަހު އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 73 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރުގެ މާޗު މަހު ލިބުނު 43 މިލިއަން ރުފިޔާ އަޅާ ބަލާއިރު 40 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ބޭރަށް ފޮނުވާ މުސާރައިން ނަގާ ރެމިޓެންސް ޓެކުހުގެ ގޮތުގައި މިދިޔަ މަހު 10 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ލޭންޑް އެކިއުޒިޝަން ފީގެ ގޮތުގައި 65 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗު މަހު ލިބުނީ ހަ މިިލިއަން ރުފިޔާ އެވެ.

ދައުލަތައް މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، ދައުލަތައް ނުލިބިހުރި ފައިސާ ހޯދުމަށް މީރާ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.