ލައިފްސްޓައިލް

ބެލެނިވެރިންގެ ސަބަބުންވެސް ކުދިން ކާމިޔާބަށް ހުރަސް އެޅޭ

Apr 17, 2017

ކޮންމެ ބެލެނިވެރިއަކު ވެސް ބޭނުންވާނީ އެމީހެއްގެ ދަރިފުޅު އެންމެ މޮޅު ކުއްޖާއަށް ވާށެވެ. އެންމެ ކާމިޔާބު ކުއްޖާއަށް ވާށެވެ. ނަމަވެސް ކުދިން ކާމިޔާބު ބަޔަކަށްނުވެ ބަސްނާހާ ކުއްޖަކަށް ބަދަލުވާ ފަހަރުވެސް އާދެ އެވެ. އެހެން ވަނީ ވެސް ވަރަށް ގިނަ ފަހަރަށް ބެލެނިވެރިންގެ ސަބަބުންކަން އެނގޭ ހެއްޔެވެ؟

އަހެރެމެންނަށް ނޭނގި ކުރެވޭ ކަންތައްތަކުގެ ސަބަބުން ކުއްޖާގެ އުޅުމަށް ބޮޑެތި އަސަރުތަކެއް ކުރެ އެވެ. އެގޮތުން މި ކަންތައްތައް ކުރުމާއި ދުރުހެލިވާށެވެ.

ދެފަހަރު ދެގޮތަށް ބުނެނުދީ

މިއީ ވަރަށް ގިނަ ބެލެނިވެރިންގެ ފަރާތުން ފެންނަ ކަމެކެވެ. އެއް ކަމެއް ދެ ފަހަރު ކިޔައިދެންޏާ ގިނަ ފަހަރަށް ކިޔައިދެވޭނީ ދެ ގޮތަކަށެވެ. މިހެން ހެދުމުން ކުއްޖާއަށް ވެސް އޮޅޭގޮތްވެ އެވެ. އޭރުން ކުދިންނަށް ވެސް ދަސްވާނީ ދެ ފަހަރު ދެ ގޮތަށް ކަންތައް ކުރާށެވެ. އަބަދުވެސް ހަނދާން ބަހައްޓަންވީ ކުދިން އެންމެ އަވަހަށް ކަންތައްތައް ދަސްކުރާނީ ތިމާ ކަންތައް ކުރާ ގޮތް ކަމެވެ.

މާބޮޑަށް ކުދިން ހިފެހެއްޓުން

ވެއްޓިދާނެތީ ނުވަތަ ބައްޔެއް ވެދާނެތީ ނުވަތަ ކުރާ ކަމެއް ގޯސް ވެދާނެތީ ކުދިން މާބޮޑަށް ހިފަހައްޓައިގެން ގެންގުޅުމަކީ ވެސް ގޯހެކެވެ. ކުދިންނަށް އަމިއްލައަށް ކަންކަން ކުރަން ދަސްވާނީ އަމިއްލައަށް ކަންކަން ދަސްކުރުމަށް އެކުދިން ދޫކޮށްލުމުންނެވެ. އަދި ވެއްޓުނީމަ ތެދުވަން އެނގޭނީ ވެއްޓިގެންނެވެ. މާބޮޑަށް ކުދިން ހިފެހެއްޓުމަކީ ވެސް އެކުދިން އަމިއްލަ ނަފްސަށް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވެސް ކުޑަވާނެ ކަމެކެވެ.

ކުދިން ބުނާހާ ކަމެއް ކޮށްދިނުން

ކުޅޭ އެއްޗެއް ބޭނުން ވެގެން ނުވަތަ އެހެން ވެސް ކަމެއް ބޭނުންވެގެން ރޯލާ ކޮންމެ ފަހަރަކު އެކަމެއް ކޮށްދޭ ބެލެނިވެރިން އުޅެ އެވެ. ކުދިން ބޭނުންހާ ކަމެއް އެކުދިން ބޭނުންވާ ވަގުތަކު ކޮށްދިނުމަކީ ގޯހެކެވެ. ބޭނުންވާ އެއްޗެއް އަބަދު ނުލިބޭނެކަން ކުދިންނަށް އެނގެންޖެހެ އެވެ.

ތައުރީފް ކުރުން

ތައުރީފް ކުރާ އަޑު ކޮންމެ މީހަކު ވެސް އަހާހިތްވާނެ އެވެ. ނަމަވެސް މާބޮޑަށް ތައުރީފް ކުރުމަކީ މީހާ ހަލާކުވާނެ ކަމެކެވެ. ހަމަ މިގޮތަށް ދަރިފުޅަށް ލިބޭ ހުރިހާ "އޭ" ގްރޭޑެއް ފާހަގަ ކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އަދި ހުރިހާ ފަހަރަކު މޮޅުވާންޖެހޭނެ ކަމަށް ގަބޫލު ކުރެވޭނެ އެވެ. އަދި ދަރިފުޅުގެ ގައިގަ ނެތް ފެންވަރެއްގެ މައްޗަށް ތައުރީފް ކުރުމުން ކުއްޖާއަށް ކަންކަން ދަސް ކުރުމަށް ހުރަސް އެޅޭނެ އެވެ.